ވިޔަފާރި

އެމްޓީސީސީ ބޯޑަށް އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ

Mar 4, 2018

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުން ހޯދަން ހުޅުވާލައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އިން ބުނި ގޮތުގައި އެންފުނީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަންޖެހެ އެވެ.

މި ދެ ޑިރެކްޓަރުން އިންތިހާބް ކުރުން އޮންނާނީ މި އަހަރު ބާއްވާ "2017 ވަނަ އަހަރުގެ" އަހަރީ އާއްމު ޖަލްސާ އެވެ.

އެމްޓީސީސީގެ ޑިރެކްޓަރުގެ ކަމުގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ކުންފުނީގެ ހިންގާ ގަވާއިދުގެ 73 ވާ
ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ އެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕާ މިންގަނޑުތަކުގެ ގައިޑްލަ އިން" އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހެ އެވެ.

އެ ކުންފުނިން ބުނީ މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ފޯމު ހުށަހަޅަން ވާނެ އެވެ.

ދިވެހި ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި އެމްއެންއެސްއެލްގެ 4.65 ޕަސެންޓް ހިއްސާ އަދި އާއްމު ހިއްސާދާރުންގެ 31.15 ޕަސެންޓް ހިއްސަ އޮންނަ އެމްޓީސީސީގެ ބޯޑުގައި މިހާރު އާއްމު ހިއްސާދާރުން ތަމްރީން ކުރައްވަނީ ނަސްރަތު މުހައްމަދު (ނަޝްރު) އާއި އައިޝަތު ފަޒީނާ އަދި މުހައްމަދު ފަރުޝަތުގެ އިތުރުން މަންސޫރު ޒުބައިރު އެވެ.