ސީރިޔާ

އަސަދުގެ ސިފައިން ޣޫތާއަށް ވަދެއްޖެ

ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ އިރުމަތީ ޣޫތާއަށް އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ބާރުތަކުން ވަދެފިއެވެ.

އިރުމަތީ ޣޫތާއަށް ސީރިޔާ ސިފައިންނާއި އެމީހުންނަށް ވާގިވެރިވާ އީރާނު ސިފައިންނާއި އީރާނުން މަދަދުދޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ވަދެފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެރަށަށް ބޮން އެޅުމަށް ފަހުގައެވެ. ސީރިޔާގެ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގެ ކުރީކޮޅުގައި އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ އެރަށް 2013 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އޮތީ ވަރުގަދައަށް ހިސާރުކޮށްފަ އެވެ. އެގޮތުން ކާނާއާއި ބޭސް ފަރުވާގެ ވަސީލަތްތައް ލިބުނަނުދީ ހިސާރުކޮށްފައި އޮތް އެރަށުގެ 393000 އަށް ވުރެ ގިނަ މީހުންނަށް އޮތީ ވަރަށް ބޮޑު އިންްސާނީ ކާރިސާއެއް ކުރިމަތިވެފަ އެވެ.

ސީރިޔާ ހަނގުރާމައިގެ ހާލަތު ބަލާ ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އަސަދަށް ވަފާތެރި ބާރުތަކުން އިރުމަތީ ޣޫތާއަށް ވަންނަން ފެށުމުން އިދިކޮޅު ހަނގުރާމަވެރިން މިހާރު ހަމަލާ ދެމުން ދަނީ ދިމިޝްގަށް ކަމަށެވެ.

ސީރިޔާ ސަރުކާރާ ހަވާލާދީ ނޫސްތަކުން ބުނީ އިރުމަތީ ޣޫތާގެ 10 ޕަސެންޓް މިހާރު އޮތީ އެމީހުންގެ ބާރުގެ ދަށުގައި ކަމަށެވެ.

ސީރިޔާއާއި އީރާނާއި ރަޝިޔާގެ ވައިގެ ސިފައިން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާއަށް ދިން ހަމަލާތަކުގައި އެކަނިވެސް 640 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 150 ކުޑަކުދިން ހިމެނޭ ކަމަށް އޭއެފްޕީ ބުންޏެވެ. އެ ހާލަތަށް ދިއުމުން މުޅި ސީރިޔާގައި ހަމަލާ ދިނުން ހުއްޓާލަން ގޮވާލާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރި ފަހުން މިވީ އެއް ހަފުތާގެ ތެރޭގައި ވެސް 100 މީހުން ވަނީ މަރާލާފަ އެވެ.

އިރުމަތީ ޣޫތާގައި ހާލުގައި ޖެހިފައި ތިބި އާއްމުން އެރަށުން ނުކުންނަން މަގެއް ހުޅުވާލާފައިވާ ކަމަށް ރަޝިޔާ ސިފައިން އިއްޔެ ބުންޏެވެ. ނަމަވެސް އެ މަގުން ލާފައި އާއްމުންގެ އެއްވެސް މީހަކު ނުކުމެފައެއް ނުވެއެވެ.

ސީރިޔާގައި ހިނގަމުންދާ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.