ދުނިޔެ

ޕާކިސްތާނުގައި ޝިއައީންގެ 43 މީހަކު މަރާލައިފި

ފުލުހުން ބުނެފައި ވަނީ އިތުރު 13 މީހަކު ޒަޚަމްވި އެ ހަމަލާ ދީފައި ވަނީ ޝިއައީންގެ ގްރޫޕެއް ދަތުރުކުރަމުން ދިޔަ ބަހަކަށް ކަމަށެވެ. ސައިކަލުތަކެއްގައި ދިޔަ ބަޔަކު ބަސް ވަށާލައިގެން ދިން ހަމަލާތަކުގައި މަރާލާފައި ވަނީ ޝިއައީންގެ ބައިމަދު ގޮތްޕެއްކަމުގައިވާ އިސްމާއީލީންގެ ބައެކެވެ.

މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ އިސްލާމިކް ސްޓޭޓް ގޮފިން ނަގާފައިވާއިރު ޕާކިސްތާނުގެ ތާލިބާނުން ވެސް ވަނީ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ. އަދި އެއަށް ފަހު ޕާކިސްތާނުގެ މަޝްހޫރު އަނެއް ހަނގުރާމަވެރި ޖަމާއަތް، ޖުންދުﷲ ޖަމާއަތުން ވެސް ވަނީ މި ހަމަލާއެއްގެ ޒިންމާ އުފުލައިފަ އެވެ.

މި ހަމަލާ އަކީ ޕާކިސްތާނުގައި ޝިއައީން އަށް އަމާޒުކޮށް މި އަހަރު ދިން ދެ ވަނަ އަށް އެންމެ ނުރައްކާތެރި ހަމަލާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނުން ޝިއައީންގެ 62 މީހަކު މަރާލާފައިވެ އެވެ.

ނަމަވެސް އިސްމާއީލީންގެ މި ކޮމިއުނިޓީ އަކީ މިގޮތަށް ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވާ ބައެއް ނޫނެވެ. ކަރާޗީގައި ދިން މި ހަމަލާ އަކީ އިސްމާއީލީންގެ ބަޔަކަށް އަމާޒުކޮށް ޕާކިސްތާނުގައި ވެސް ދިން ފުރަތަމަ ހަމަލާ އެވެ.

ޕާކިސްތާނުގައި ޝިއައީންނާ ދެކޮޅަށް ދޭ ހަމަލާތައް މިފަހުން އިތުރުކޮށްފައިވާއިރު ޕިޝާވަރުގެ މިސްކިތަކަށް މި އަހަރު ދިން ހަމަލާއެއްގައި 20 މީހަކު އަދި ލާހޯރުގައި މީހަކު އަމިއްލަ އަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 14 މީހަކު ވެސް މަރާލާފައިވެ އެވެ.

މުސްލިމުންގެ އާބާދީ ބޮޑު ޕާކިސްތާނުގައި ޝިއައީ މުސްލިމުންގެ ނިސްބަތަކީ އާބާދީ 20 ޕަސެންޓެވެ. އާބާދީގެ 70 ޕަސެންޓަކީ ސުންނީންނެވެ.

އެގައުމުގެ ވިޔަފާރީގެ މައި ރަށް ކަމުގައިވާ ކަރާޗީ އަކީ މަޒުހަބީ ތަޅާފޮޅުންތައް އެންމެ ބޮޑު ސިޓީ އެވެ.