ދުނިޔެ

ޝީގެ ދައުރު "އުމުރަށް ދަމާލަން" ޓްރަމްޕް ތައުރީފު!

ޗައިނާގެ ރައީސް ޝީޖިންގެ ރިޔާސީ ދައުރު އޭނާގެ އުމުރަށް ދަންމާލުމަކީ މޮޅުކަމެއް ކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖެ ޓްރަމްޕަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ މީޑިއާއަށް ހުޅުވާ ނުލާ ބޭއްވި ބައްދަލުވުމެއްގަ އެވެ. ނަމަވެސް ސީއެންއެން އިން ވަނީ އެ ވާހަކަފުޅުގެ ރެކޯޑިން ހޯދައި އެ ޖެންސީގެ ޕްރޮގްރާމެއްގައި އަޑު އިއްވާފަ އެވެ. ސީއެންއެންް އިން އިއްވި ރެކޯޑިންގައި ޓްރަމްޕް ވިދާޅުވާ އަޑު އިވެނީ ޝީއަކީ މިހާރު އުމުރަށް ވެސް ޗައިނާގެ ރައީސް ކަމަށާއި އެއީ ވަރަށް މޮޅު ކަމެއް ކަމަށެވެ.

"އޭނާއަކީ މިހާރު އުމުރަށް [ޗައިނާގެ] ރައީސް. ނޫނޭ އޭނާ ވަރަށް މޮޅު. އަދި ބަލާ އެކަން އެގޮތަށް ކުރެއްވުމުގެ ކުޅަދާނަކަން އޭނާގެ ހުރި،" ޝީޖިންޕިން އަށް ތައުރީފު ކުރައްވަމުން ޓްރަމް ވިދާޅުވާ އަޑު ސީއެންއެންގެ އޯޑިއޯއިން އިވެއެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ހިންގާ ގަވައިދު ނުވަތަ އެގައުމުގެ ގާނޫނު އަސާސީގައި ކުރިއްސުރެ އޮންނަނީ އެކަަކަށް ރައީސްކަން ކުރެވޭނީ ދެދައުރުގައި ކަމަށެވެ. ނަމަވެސް އެކަން ބަދަލުކޮށް، ޝީޖިންޕިންއަށް ވެރިކަމުގައި އިތުރަށް ހުރެވޭނެ ގޮތް ހަދަން އެޕާޓީން ވަނީ ހުށަހަޅާފައެވެ. އެކަމަށް ގޮތެއް ނިންމާނީ މާދަމާ އޮންނަ ބައްދަލުވުމެއްގައެވެ.

އެމެރިކާގައި ވެސް ކޮންމެވެސް ދުވަހަކު އެގޮތަށް ކަންތައް ކޮށްފާނެ ކަމަށް ނުވަތަ އެގޮތަށް ޓްރަމްޕް އުއްމީދުކުރައްވާކަން ދޭހަވާ ގޮތަށް ވެސް އޭނާ ވާހަކަފުޅު ދެއްކެވިއެވެ.

ޑިމޮކްރަސީގެ އުސޫލުތަކާ ތައާރުޒުވާ އެ ހިޔާލުތައް ޓްރަމްޕް ފާޅުކުރެއްވި ކަންތަކާ މެދު ރިޔާސީ ގަނޑުވަރު ވައިޓްހައުސް އަދި އެއްޗެއް ނުބުނެއެވެ.

ސީއެންއެން ބުނީ ޓްރަމްޕް އެމޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާގެ އަމިއްލަފުޅު ތަނެއް ކަަމަށްވާ މާރާލާގޯގައި މެންދުރުގެ ފަރިއްކޮޅެއްގައި ކަަމަށެވެ. އަދި ބުނީ އެ ފަރިއްކޮޅުގައި ޓްރަމްޕް ވާހަކަފުޅު ދެއްކެވީ ވަރަށް ސަމާސާ ގޮތެއްގައި ގިނަ ކަންތައްތަކަށް ހަޖޫ ޖައްސަވަމުން ކަަމަށް ވެސް ބުންޏެވެ. އެގޮތުން އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ހިލަރީ ކްލިންޓަނަށް ވެސް އޭނާ ހަޖޫ ޖެއްސެވި އެވެ. އެންމެ ބޮޑަށް ހަޖޫ ޖެއްސެވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއަށެވެ. ބުޝްގެ ވެރިކަމުގައި އެމެރިކާއިން އިރާގު ހިފި ހިފުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އެއީ ކުޅަނދުރު ހަތަޔަކަށް ބޮޑު ގާބުރިއެއް އެލުން ކަހަލަ ކަމެއް،" އިރާގު ހަނގުރާމަ ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ވާހަކަފުޅަށް ސޯޝަލް މީޑިއާގައި ފާޑުކީ ފަރާތްތަކުން ބުނީ އެއީ ސަމާސާއަކަށް ދެއްކެވި ވާހަކަފުޅަކަށް ވިޔަސް އެެމެރިކާގެ ރައީސަކު މިހައިތަނަށް ދެއްކެވި، އެމެރިކާވަންތަކަން އެންމެ ކުޑަ ވާހަކަފުޅު ކަމަށެވެ.