ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބުދުއް ރަހީމް އަބުދުﷲ އާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ޖޭޕީއަށް ގެންދަން ގާސިމް އިބުރާހީމްގެ މުޅި މުދާ ވިއްކެވިޔަސް އެކަމެއް ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވީޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަދުުރޭއާއި ނިހާނާއި އަލީ އާރިފް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުﷲ ހަލީލު ޖޭޕީއަށް ވަޑައިގަންނަވަން އެދިވަޑައިގެން ގާސިމަށް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ.
ޕީޕީއެމްގެ އޮފީހުގައި އާދަވެ ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ނޫސްކޮންފަރެންސްތަކުގެ މިއަދުގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ގާސިމްގެ މުޅި މުދާ ވިއްކެވިޔަސް އެބޭފުޅުން ނުގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަަނަށް އެނބުރި ވަޑައިގަންނަވަން ގާސިމް އެދިވަޑައިގަންނަވާ ކަމަށެވެ.
"ގާސިމަށް ހަމަ ރަނގަޅަށް އެނގިވަަޑައިގަންނަވާނެ ގާސިމް އެ ވިދާޅުވާ މީހުންނަކީ ގާސިމްގެ މުޅި މިލްކިއްޔާތު ވިއްކާލިޔަސް ގެންދެވޭނެ ބައެއް ނޫން ކަން،" އަދުރޭ ވިދާޅުވިއެވެ.
އަލީ އާރިފް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ އުއްމީދެއްގައި މީހަކު ދާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީ ހިނގަނީ ވިޔަފާރި ކުންފުންޏެއް ގޮތަށް ކަމަށެވެ. ނިހާނު ވިދާޅުވީ ގާސިމް ވިދާޅުވާ ބޭފުޅުން ޕީޕީއެމްގައި ސާބިތުވެ ތިބި މިންވަރާމެދު މުޅި ރާއްޖެ ހެކިވާނެ ކަމަށެވެ. ބައްދަލުވުމުގައި ހަލީލު ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ރާއްޖޭގައި ކުއްލި ހާލަތު އިއުލާނު ކުރި ފަހުން ޕީޕީއެމުން ބާއްވަމުން ގަވައިދުން ބާއްވަމުން އަންނަ ނޫސްކޮންފަރެންސްތަކުގައި އިސްކޮށް އުޅުއްވަނީ އަދުރޭ އެވެ. އެ ބައްދަލުވުންތަކުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުކުރަނީ ގާސިމަށެވެ.