ވިޔަފާރި

އައްޑޫ، އީދިގަލިކިޅި ސަރަހައްދުގައި އިކޯ ޓޫރިޒަމް ތަރައްގީ ކުރަނީ

May 14, 2015

އައްޑޫ، ހިތަދޫގައި އިކޯ ޓޫރިޒަމް ފެސިލިޓީއެއް ގާއިމް ކުރަން ނިންމައި، މި ތަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިކޯ ޓޫރިޒަމް ފެސިލިޓީ ގާއިމް ކުރަނީ އައްޑޫ ހިތަދޫގައި ހިމާޔަތް ކުރެވިފައިވާ އީދިގަލިކިޅި ސަރަހައްދުގައި ކަމަށާއި، މި ކަމަށް ތަޖުރިބާ ހުރި ކުންފުނިތަކަށް މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީސީއޭޕީ) ގެ ދަށުން ގާއިމް ކުރާ ސެންޓަރެއް ކަމަށެވެ.

މި މަޝްރޫއު އަށް ކުރިމަތިލާ ފަރާތްތައް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑް ބޭންކު ގައިޑްލައިން ތަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

"އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ހަލާސް ކޮށްފައިވާކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށާއި، އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ފަސް ދުވަހަށްވުރެ އިތުރުނޫން ތާރީހެއްގެ ލިޔުމަކަށް ވާން ވާނެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 70،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް ހުށަހެޅުމުން ލިބެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫ އަށް ބިޑް ހުށަހެޅުމުގެ ތާރީހަކީ އަންނަ މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.