ވިޔަފާރި

ޓޫރިޒަމަށް މަޝްރޫއުތަކުގެ އެކުއެޒިޝަން ފީގެ މުއްދަތު އިތުރު ކޮށްދެނީ

Mar 5, 2018
1
  • އިތުރު ކުރަން 1000 ޑޮލަރުގެ ފީއެއް
  • މުއްދަތު އިތުރު ކޮށްދެނީ 45 ދުވަހުން
  • ގިނަ މަޝްރޫއުތަކަށް އެކުއެޒިޝަން ފީ ނަގާ

ޓޫރިޒަމަށް ދޫކުރާ ތަންތަނަށް ފުރަތަމަ ދައްކަން ޖެހޭ އެކުއެޒިޝަން ފީގެ މުއްދަތު އިތުރުކޮށް ދޭން ނިންމައިފި އެވެ.

ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން ބިމާއި ފަޅު ކުއްޔަށް ދިނުމަށް ޕްރޮޕޯޝަލް ހުށަހެޅުމާ ބެހޭ ގަވާއިދަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން އެކްއިޒިޝަން ފީ ދައްކަން ޖެހޭ މުއްދަތަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކޭނަމަ ފީ ދެއްކުމަށް ދެވޭ މުއްދަތު އިތުރުކޮށް ދިނުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީ އަށް އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެކުއެޒިޝަން ފީ ދެއްކުމަށް ދޭ މުއްދަތު އިތުރު ކޮށްދޭނީ އެކަމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ސިޓީއަކުން އެންގުމުން ކަމަށެވެ. އަދި މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ކޮންމެ ފަހަރަކު މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 1،000 ޑޮލަރު (ގާތްގަނޑަކަށް 15،420ރ.) ގެ ފީއެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކަން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ އެކްއެޒިޝަން ފީ ދެއްކުމަށް ދޭ މުއްދަތު އިތުރު ކޮށްދެވޭނީ 45 ދުވަހަށް ކަމަށެވެ.

ޓޫރިޒަމަށް ދޫކުރާ ބިންތަކަށް ދައްކާ އިކުއެޒިޝަން ފީގެ މުއްދަތު އިތުރުކޮށް ދޭން ނިންމިއިރު، ސަރުކާރުން ދަނީ ޓޫރިޒަމަށް ގިނަ ފަޅުތަކާއި ރިސޯޓުތައް ދޫކުރަމުންނެވެ. މިގޮތުން މާލެ އަތޮޅުން 26 ފަޅެއް ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ޓޫރިޒަމް ވިޔަފާރި ނެތް، ހދ. ގައި ރިސޯޓު ތަރައްގީ ކުރަން ހިއްކާ ދެ ފަޅުގެ އެކުއެޒިޝަން ފީގެ ގޮތުގައި 40 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެކުއެޒިޝަން ފީގެ ގޮތުގައި 500 މިލިއަންނަށްވުރެ ގިނަ ޑޮލަރު ވަނީ ދައުލަތަށް ލިބިފަ އެވެ.