ހަބަރު

ޝާހިދު ފުލުހަށް ހާޒިރުވާން އަންގައިފި

Mar 5, 2018
3

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ މެންދުރުފަހު 3:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެއީ ރައީސް އަބުދުﷲ ޔާމީންއަށް ބޯލަނބާތޯ ކުރާ މަސައްކަތެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

ޝާހިދު ފުލުހަށް ހާޒިރު ކުރަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މިދިޔަ ހުކުރު އޭނާ އިސްކޮށްހުރެ، ސޯސަންމަގާއި މަޖީދީމަގު ގުޅުނު ސަރަހައްދަށް އެއްވެ އަމަން އަމާންކަން ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށާއި މަގުމަތީގެ އާންމު ޓްރެފިކަށް ދަތިވާގޮތަށް މުޒާހަރާކޮށް އެސަރަހައްދު އަމަން ބަލަހައްޓަން މަސައްކަތްކުރި ފުލުހުންނަށް ހުރަސް އެޅި ކަމުގެ މައްސަލައާ ގުޅިގެން ކަމަށް ޗިޓްގައި ވެއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މަޖީދީމަގުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ޝާހިދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ދޫކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ޝާހިދުއާއެކު ކުރީގެ ޕޮލިސް ކޮމިޝަނާ އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވެސް ހައްޔަރުކުރި އެވެ. މެންބަރު ލަަތީފު ވަނީ ޝާދިހުއާއެކު ދޫކޮށްލާފަ އެވެ.

ނަމަވެސް ރިޔާޒު ދޫކޮށެއް ނުލަ އެވެ. އޭނާ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ ވަކީލުންނަށް އަންގާފަ އެވެ.