ދުނިޔެ

ޣޫތާއަށް ގެންދިޔަ އެހީގެ ތަކެތި ހިފަހައްޓައިފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނާއި އެމީހުންނަށް މަދަދުކުރާ އީރާނާއި ރަޝިޔާ ސިފައިން ހިސާރުކޮށްފައިވާ އިރުމަތީ ޣޫތާއަށް ގެންދިޔަ އެހީގެ ބައެއް ތަކެތި އަސަދުގެ ސިފައިން ހިފަހައްޓައިފިއެވެ.

ސޫރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ އިރުމަތީ ޣޫތާއަކީ 2012 ވަނަ އަހަރުން ފެށިގެން އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ރަށެކެވެ. އެހެންވެ އަސަދަށް ވަފާތެރިވާ ބާރުތަކުން 2013 ވަނަ އަހަރުން ފެށިގެން އެރަށް ހިސާރުކޮށް ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ.

އިރުމަތީ ޣޫތާއިން އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ކަނޑުވައިލުމަށް ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަަ ދުވަހުން ފެށިގެން އެމީހުން ދަނީ ގޮތެއް ފޮތެއް ނުބަލައި އެރަށަށް ބޮން އަޅަމުންނެވެ. އެ ހަމަލާތަކުގައި 600 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭފައި 150 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މަރުވި މީހުންގެ އިތުރުން އެރަށުގެ 2000 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާ ތަކުގައި ޒަހަމްވެފައެވެެ. އެމީހުންނާއި އެކު އެރަށުގައި ކާނާއާއި ބޭސްފަރުވާގެ ދަތިކަން ކުރިމަތިވެ، ހާލުގައި ޖެހިފައިވާ ހަތަރު ލައްކައަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ރޮއިޓާސް ބުނީ ޣޫތާއަށް އެހީ ހިފައިގެން ދިޔަ އުޅަނދުތައް ހޯމަ ދުވަހު އެރަށަށް ވާސިލުވި ކަމަށެވެ. ނަމަވެސް އެ އުޅަނދުތަކުގައިވާ ބޭސްފަރުވާގެ ބައެއް އަތުލުމަށް ފަހު އަސަދަށް ވަފާތެރި ބާރުތަކުން ދޭަ ހަމަލާތައް ވަރުގަދަ ކުރުމުން އުޅަނދުތައް ވަނީ އަނބުރާ ދިމިޝްގަށް ގޮސްފައެވެ. އެގޮތުން ޣޫތާއަށް ގެންދިޔަ އެހީގެ ތެރެއިން ބޮޑު ބައެއް އެރަށުގެ މީހުންނަކަށް ނުލިބުނެވެ.

ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފެށި ހަމަލާތަކުގައި ޣޫތާގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އަސަދުގެ ބާރުތަކުން ވަނީ ހިފާފައެވެ.

އިރުމަތީ ޣޫތާގައި ސޫރިޔާއާއި އީރާނާއި ރަޝިޔާއިން ހިންގާ ޖަރީމާތަކާ ގުޅިގެން އދ.ގެ ސަލަމާތީ މަޖިލީހުން ގަރާރެއް ވެސް ފާސްކުރިއެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ މުޅި ސޫރިޔާގައި ހަމަލާ ދިނުން 30 ދުވަހަށް މެދުކަނޑައިލުމަށެވެ. ނަމަވެސް ހަމަލާތައް ހުއްޓައިލަން އެއްވެސް ބަޔަކު އަދިި ނޫޅެއެވެ.