ވިޔަފާރި

ސްކޫލްތަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދޭން ދިރާގަށް ހަވާލުކޮށްފި

May 14, 2015

ރާއްޖޭގެ ސްކޫލްތަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދޭން އެޑިއުކޭޝަން މިނިސްޓްރީން ދިރާގަށް ހަވާލުކޮށްފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީ އިސްމާއިލް ރަޝީދެ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ދިރާގުގެ ސީއީ އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރުމަކީ އެ ކުންފުނިން އަބަދު ވެސް ކުރަމުން ދާ ކަމެއް ކަމަށެވެ.

"މި ހިދުމަތް ދިނުމަށް ދިރާގަށް އިތުބާރު ކުރިކަމަށްޓަކައި އެޑިއުކޭޝަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ ސީއެސްއާރުގެ ވަރަށް ބޮޑު ބައެއް ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ހިދުމަތް ކުރުމަކީ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާގުން ފޯރުކޮށް ދޭ އިންޓަނެޓު ޕެކޭޖަކީ ސްކޫލްތަކުގެ ބޭނުމަށް ފަރުމާކޮށްފައިވާ އިންޓަނެޓު ޕެކޭޖުތަކެއް ކަމަށެވެ.

"މި ޕެކޭޖުތަކަކީ ހާއްސަ ޑިސްކައުންޓް ރޭޓްތަކެއް ހިމެނޭ. ބޭނުމަކީ އަންނަ ގޮތް ޖީލުތަކުގެ ތަރައްގީ އަށް އެހީއެއްވެ ދިނުން،" އިސްމާއިލް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ދިރާގާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 230 ސްކޫލަކަށް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތް ދޭނެ އެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކަށް ދިރާގުން ފޯރުކޮށްދޭ ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތުގެ ދަށުން މިހާރުގެ އަގަށްވުރެ 50 ޕަސެންޓްވަރު ހެޔޮ އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"ދިރާގަކީ އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް ގުޅުން ބާއްވާ ކުންފުންޏެއް. ތައުލީމް ދިނުމުގައި އަބަދު ވެސް ވަރަށް އެއްކޮށް މަސައްކަތް ކުރާ ބައިވެރިއެއް ދިރާގަކީ،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ 2014 ވަނަ އަހަރު ފެށިގެން ކުރާ މަސައްކަތުގައި އެންމެ ބޮޑު އަމާޒަކީ އެންމެ ކުއްޖަކު ބާކީ ނުކުރުމުގެ އަމާޒު ކަމަށާއި، އެ މަސައްކަތުގައި ވެސް ދިރާގާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފައިދާ ކުރާނެ ކަމަށެވެ.