ދުނިޔެ

ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުންތަކެއް ހިންގައިފި

އަވަށްޓެރި ސްރީލަންކާގެ ކެންޑީގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް އެރަށުގެ ބުޑިސްޓުން އިއްޔެ ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން މިއަދު ބުނީ ކެންޑީގައި އިއްޔެ ހިންގި ހަމަނުޖެހުންތަކުގައި މުސްލިމުންގެ ބައެއް ފިހާރަތަކުގެ އިތުރުން މިސްކިތަކަށް ގެއްލުންތައް ދީފައިވާ ކަމަށެވެ. އަދި ބުނީ ހަމަނުޖެހުން ފެށުނީ ހިނގި ހާދިސާއެއްގައި މީހަކު މަރުވުމުން ކަމަށެވެ. ނަމަވެސް އެމީހާ މަރުވީ ކޮން ކަހަަލަ ހާދިސާއެއްގައި ކަމެއް ނުބުނެއެވެ. ބުނީ މަރުވި މީހާގެ ގެއަށް ބުޑިސްޓުންގެ ބޮޑު ބަލަ ސޭނާ ޖަމާއަތުގެ ވެރިިން ޒިޔާރަތް ކުރި ކަމަށެވެ.

ބޮޑުބަލަސޭނާއަކީ ލަންކާ މުސްލިމުންނާ ދެކޮޅަށް 2013 ވަނަ އަހަރުވެސް ހަމަނުޖެހުންތަކެއް ހިންގި ހަރުކަށި ޖަމާއަތެކެވެ.

މީހާ މަރުވި ހާދިސާއަށް ފަހު ކެންޑީގެ ތެލްޑީނިއާ ނަމަކަށް ކިޔާ ސަރަހައްދުގައި މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ލަންކާ ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އެއާ އެކު އެމީހުން ދޫކޮށްލަން ގޮވާލައި ޕޮލިސް ސްޓޭޝަނުގެ ކައިރީގައި ބަޔަކު ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ވަނީ ކެންޑީގައި އިއްޔެއާއި ރޭ ކާފިއު ހިންގާފައެވެ. ކާފިއުގެ މުއްދަތު މިއަދު ހެނދުނު ހައެއް ޖެހި އިރު ހަމަވުމުން އުވާލިއެވެ.

ނަމަވެސް ލަންކާގެ ބައެއް ނޫސްތަކުން ފަހުން ބުނީ ހާލަތު ރަނގަޅު ނުވާތީ މިހާރު އަނެއްކާވެސް ކާފިއު ހިންގާފައިވާ ކަަމަށެވެ. އެގޮތުން ކާފިއު ހިންގީ މިއަދު ހަވީރު ހައެއް ޖެހުމާ ހަމައަށެވެ.

ކެންޑީގައި ހަމަނުޖެހުންތައް ހިންގާފައި މިވަނީ އަންޕާރާ ނަމަކަށް ކިޔާ ރަށުގައި ހަމަނުޖެހުން ހިންގިތާ ހަފުތާއެއް ފަހުންނެވެ.