އަހުމަދު ޝަރީފް އާދަމް

އީސީގެ މެމްބަރުކަމަށް ޝަރީފު އައްޔަން ކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް އަހުމަދު ޝަރީފު އާދަމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުލް ގައްޔޫމު އޭނާ އެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އީސީގެ މެމްބަރުކަމަށް ޝަރީފު އައްޔަން ކުރެއްވިކަން ހާމަކުރެއްވީ ރައީސްގެ ތަރުޖަމާނު އިބުރާހިމް މުއާޒް އަލީ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ. ޝަރީފު އީސީގެ މެމްބަރުކަމުގެ ހުވާ ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ކުރިފުޅުމަތީގަ އެވެ. އޭނާއަަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.

ސަރުކާރު ކޯލިޝަން ދެ ޕާޓީން އެކަނި ބައިވެރިވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް އައްޔަން ކުރަން ރުހުން ދިނީ 33 މެންބަރުންގެ ވޯޓުންނެވެ.

ރައީސް އަބްދުﷲ ޔާމީން ޝަރީފުގެ ނަން ފޮނުވުމުން އެ ނަން އިއްޔެގެ ޖަލްސާގައި އިއްވުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ. އެ ކޮމިޓީން ޝަރީފާ އިންޓަވިއު ކުރުމަށް ފަހު 77.3 ޕަސެންޓް މާކްސްއިން އޭނާގެ ނަން ފާސްވި އެވެ.

މިހާތަނަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝަރީފު ވަނީ ކުރިން އީސީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމާއި ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ އަތޮޅުވެރިޔާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.