ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ

ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ދެނެގަނެވިއްޖެ: ރިކަވަރީ ކޮމިޝަން

Mar 6, 2018
7

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ އަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ކަމަށެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާ ގުޅުންހުރި މުމަލާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު، 3.6 ބިލިއަން ރުފިޔާއަށް އަރާކަމަށް ބަޔާނުގައިވެ އެވެ. ޖީއެސްޓީގެ ގޮތުގައި ފައިސާ ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށްވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު، 7.5 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

އެ ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުއީ މަރްޙަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަންވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސްގެ ގަރާރެއްގެ ދަށުން އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭ ކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދެވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސް އުފައްދަވާފައިވާ ކޮމިޝަނެކެވެ.