ވިޔަފާރި

މޯލްޑިވިއަން އިން ސްރީލަންކާ އަށް 150 ޑޮލަރަށް ޓިކެޓު ވިއްކަނީ

May 14, 2015

އަންނަ ރޯދަ މަހާ ދިމާކޮށް މޯލްޑިވިއަން އިން ސްރީލަންކާ އަށް ދިއުމަށް ދެކޮޅަށް 150 ޑޮލަރުގެ ފެއާއެއްގައި ޓިކެޓު ވިއްކަން ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނީ ރޯދަ މަހާ ދިމާކޮށް ސްރީލަންކާއަށް ދާން ބޭނުންވާ ފަރާތްތަކަށް 150 ޑޮލަރު (2313ރ.) އަށް ހާއްސަ އަގެއްގައި ޓިކެޓު ވިއްކަމުންދާ ކަމަށެވެ.

ރާއްޖޭގެ ގިނަ މަންޒިލްތަކާއި ބޭރުގެ ބައެއް ގައުމު ތަކަށް ދަތުރުތައް ބާއްވަމުން ގެންދާ މޯލްޑިވިއަން އިން މި ދަތުރު ބާއްވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. އަދި މާލެ އައުމަށް ހަމަޖެހިފައިވަނީ 10 ވަނަ ދުވަހު އެވެ.

މޯލްޑިވިއަންއަކީ ކުރިން ސްރީލަންކާ އަށް ޝެޑިއުލް ފްލައިޓްތައް ބޭއްވި އެއާލައިނެކެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ފެށިގެން ވަނީ މި ދަތުރުތައް ހުއްޓާލާފަ އެވެ. ނަމަވެސް ޗާޓަރު ފްލައިޓްތަކާއި ބައެއް މުނާސަބަތުތަކާ ދިމާކޮށް އެއާލައިނުން ލަންކާއަށް އުދުހެ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ އިތުރުން އިންޑިޔާގެ ބައެއް މަންޒިލްތަކާއި ޗައިނާ އަށް ދަތުރުތައް ބާއްވަމުންދެ އެވެ.