ދުނިޔެ

ލަންކާގެ އެސްއޯއީއަށް ޔޫއެން އިން ތާއީދުކޮށްފި

އަވަށްޓެރި ސްރީލަންކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ބުޑިސްޓުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކަށް އދ. އިން ތާއީދުކޮށްފި އެވެ.

ލަންކާގެ އަމްޕާރާއާއި ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގި ހަމަނުޖެހުންތަކުގަައި ދެމީހަކު މަރުވިއެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި މުސްލިމުންގެ އެތައް ފިހާރަޔަކާއި ބައެއް މިސްކިތްތަކުގައި ބުޑިސްްޓުން ވަނީ ހުޅުޖަހާފައެވެ. އެކަމުގެ ފަހަތުގައި އޮތީ ބުޑިސްޓުންގެ ހަރުކަށި ވަތަނީ ޖަމާއަތެއް ކަމަށްވާ ބޮޑުބަލަ ސޭނާ ކަމަށް ތުހުމަތު ކުރެވެއެވެ.

ހަމަނުޖެހުންތައް ހުއްޓުވަން ލަންކާ ފުލުހުން ކެންޑީގައި ބުޑިސްޓުންގެ ބައެއް މިހުން ހައްޔަރުކޮށް އެރަށުގައި އިއްޔެރޭ ކާފިއު ހިންގިއެވެ. އަދި އެއަށް ފަހު އިއްޔެ ހެނދުނު ކާފިއުގެ މުހުލަތު އަލުން އާ ކުރުމަށް ފަހު މުޅި ލަންކާގައި 10 ދުވަހުގެ މުއްްދަތަށް އިއްޔެގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއެވެ.

ލަންކާގައި ހިނގި މިކަންތައްތަކަށް ފަހު އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު އެން ސްޓެފަން ޑުޖެރިކް މިއަދު ވިދާޅުވީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ލަންކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"އެކި ދީންތަކުގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު އަހަރެމެން މިތިބީ ކަންބޮޑުވެފައި . ނުތަނަވަސްކަމަށް ރިއާޔަތްކޮށް އެއްބައިވަންތަ ކުރުވަން ސަރުކާރުން ކުރާ މަސައްކަތަށް އަހަރެމެން މަރުހަބާ ކިޔަން،" ދުޖަރިކް ވިދާޅުވި ކަމަށް ނޫސްތަކުން ބުންޏެވެ.

ލަންކާގެ ހާލަތު ބައްލަވައި އެގައުމުގެ ލީޑަރުންނާ މަޝްވަރާކުރައްވަން އދ.ގެ ޕޮލިޓިކަލް ޗީފް ޖެފްރީ ފެލްޓްމަން މިހަފުތާގައި އެގައުމަށަް ވަޑައިގަންނަވާނެއެވެ. ދުޖަރިކް ވިދާޅުވީ ފެލްޓްމަންގެ އެ ދަތުރުފުޅަކީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ކުރިން ވެސް ރާވާފައިވާ ދަތުރުފުޅެއް ކަމަށެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިތާ 24 ގަޑި އިރު ވީ އިރުވެސް ކެންޑީގެ ނުތަވަނަވަސްކަމަށް އަދި ހެޔޮ ބަދަލެއް ނާދެއެވެ. އެހެންވެ އެގައުމުގެ ސަރުކާރުން މިއަދު ވަނީ ފުލުހުންގެ ސްޕެޝަލް ފޯސަސްގެ އިތުރު ތިން ފައުޖެއް ކެންޑީއަށް ފޮނުވާފައެވެ. އަދި އެރަށުގައި ގެއިން ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ ވަކި މުއްދަތެއް ނެތި މަނާކޮށްފައެވެ. ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ފުލުހުން އެހެން ގޮތަކަަށް އަންގަންދެން ބޭރަށް ނުކުމެ އުޅުން މަނާ ކަަމަށެވެ.

ލަންކާގައި މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ލަންކާގެ އިރުމަތީ ޕްރޮވިންސްގެ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން އޭރު ބުނީ ހަމަނުޖެހުންތައް ފެށުނީ މުސްލިމަކު ހިންގާ ފިހާރައަކުން ވިއްކާ ކާތަކެއްޗަށް ބޭސް ގުޅަތަކެއް އެއްކުރާ ކަމަށް ބުޑިސްޓުންގެ ބަޔަކު ކުރި ތުހުމަތު ތަކަކަށް ފަހު ކަަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބުޑިސްޓުންގެ ޖަމާއަތަކުންް އާއްމު ކުރި ވީޑިއޯއެއްްގައި ވަނީ، ކާތަކެއްޗަށް ބޭސް ގުޅަތައް އެއްކުރި ކަމަށް މީހަކު އިއުތިރާފުވާ މަންޒަރު ދައްކާފަ އެވެ.

ނަމަވެސް އެމީހާ އެގޮތަށް އިއުތިރާފު ކުރަނީ ބަޔަކު އޭނާ ހިފަހައްޓައި މަޖުބޫރު ކުރުމުން ކަން ވީޑިއޯއިން އެނގޭ ކަމަށް ނޫހުން އޭރު ބުންޏެވެ.

ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސްރީ ލަންކާގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރިއިރު ރާއްޖޭގައި އޮތީ އިމަޖެންސީ އިއުލާންކޮށްފައެވެ.