ހަބަރު

ވާޖިބު އަދާ ކުރުމުގައި ފުލުހުން ފަސް ނުޖެހެން ޕީޖީ ގޮވާލައްވައިފި

Mar 7, 2018
1

ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި ފުލުހުންގެ ދައުރު ވަރަށް މުހިއްމު ކަމަށާއި ފުލުހުންގެ ހުވަޔާއި ގާނޫނާއި ގަވާއިދާއި އެއްގޮތަށް އިހުލާސްތެރިކަމާއި އަމާނާތްތެރި ކަމާއެކު ފަސް ނުޖެހި އަދާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ގޮވާލައްވައިފި އެވެ.

އެކަމަނާ މިހެން ވިދޅުވީ ޕޮލިސް އެކަޑަމީން ދ. ވާނީގައި ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯހުގެ 29 ވަނަ ބުރު ނިންމައި، ދަސްވެނިންނާއެކު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށް ދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތު އޮތީ މިދިއަ ހޯމަ ދުވަހު ވާނީގަ އެވެ.

ކުޑަ ދުވަސްކޮޅަކަށް ރާއްޖޭގެ ބަންޑާރަ ނައިބުކަން ވެސް ކުރެއްވެވި ބިޝާމް ވިދާޅުވީ ގައުމުގެ ތަރައްގީށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖްތަމައުގެ ހަމަޖެހުން ކަމަށާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އާ ގޮތްތައް ހޯދައި މަސައްކަތްތައް ތަރައްގީކޮށް ޒަމާނީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މާޒީން ފިލާވަޅު ލިބިގަނެ، މުސްތަގުބަލް ރަނގަޅު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާގައި އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި، އަންހެނުންނަކީ ފިރިހެނުންނާއި އެއްހަމައެއްގައި އެ ދާއިރާގައި ފައިތިލަސާބިތު ކުރެވޭނެ ބައެއް ކަމަށް އެކަމަނާ އިޝާރާތް ކުރައްވެވި އެވެ. އަދި ފުލުހުންގެ މަސައްކަތަކީ ޝަރަފުވެރި މަސައްކަތެއް ކަމަށާއި ފުލުހާ އަލަށް ގުޅޭ މީހުންގެ އާއިލާތަކުން، އެފުލުހުންނަށް އެއްބާރުލުމާއި ހިތްވަރު ދިނުމަށް ވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ޕީޖީ މިގޮތަށް އެދިވަޑައިގެންފައިމިވަނީ އެކަމަނާ ފުލުހުންނަށް ދިން ލަފާއަކާ އެއްގޮތަށް ފުލުހުން އަމަލުނުކޮށް އެ މައްސަލަ ބޮޑުވިތާ ދުވަސްކޮޅެއް ފަހުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް ފުލުހަށް ފޮނުއްވި އެވެ.

އެ ސިޓީގައި ލަފާ އަރުވާފައިވަނީ، މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ. އެހެންވެ ޕީޖީ އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ވެސް އަޑުތައް ފެތުރުނެވެ.