ދުނިޔެ

ލަންކާ ހަމަނުޖެހުން ހުއްޓުވަން ސޯޝަލް މީޑިއާ ބްލޮކް ކޮށްފި

ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި އެ ގައުމުގެ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ ފެތުރުނަ ނުދިނުމަަށް ޓަކައި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސައިޓްތަކަށް އެ ގައުމުން ނުވަދެވޭ ގޮތަށް ހަދަން ސަރުކާރުން އަންގައިފި އެވެ.

ލަންކާ ކެބިނެޓްގެ ތަރުޖަމާނު ރަޖީތާ ސެނަރަތުނައާ ހަވާލާދީ ރޮއިޓާސް ބުނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ފޭސްބުކް، ވައިބާ އަދި ވަޓްސްއެޕް ފަދަ ވަސީލަތްތައް ބްލޮކް ކުރަން އެ ގައުުމުގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުނިތަކަށް ސަރުކާރުން އަންގާފައިވާ ކަމަށެވެ. ލަންކާގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ޓީއާރްސީ) އިން އެ ސައިޓުތައް ބްލޮކް ކުރާނެ ކަމަށް ވެސް ބުންޏެވެ. އެކަންކަން މިހާރު ވަނީ ތަންފީޒު ވެސް ކޮށްފަ އެވެ.

"ފޭސްބުކް ވައިބާ އަދި ވަޓްސްއެޕް 72 ގަޑި އިރަށް ބްލޮކް ކުރުމާ ބެހޭ މައުލޫމާތު (ޓީއާރްސީގެ) ޑައިރެކްޓާ ޖެނެރަލް ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ދެއްވާނެ،" އެކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ލަންކާގެ ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު މިފަހަރު އުފެދުން ހަމަޖެހުން ފެށުނީ ވެސް ސޯޝަލް މީޑިއާގައި ބުޑިސްޓުން ފެތުރި ވީޑިއޯއަކާ ގުޅިގެންނެވެ. ބުޑިސްޓުން އާއްމު ކުރި އެވީޑިއޯއިން ދިން މެސެޖަކީ ބުޑިސްޓުންނަށް ގެއްލުންދޭން ވެގެން މުސްލިމުންގެ ފިހާރަތަކުން ވިއްކާ ކާބޯ ތަކެއްޗަށް ވިހަލާ ކަމުގެ ދޮގު ތުހުމަތުގެ މެސެޖެކެވެ. އެ ވީޑިއޯ ދައުރުވުމާ އެކު ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ލަންކާގެ އިރުމަތީ ޕްރޮވިންސްގެ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި މުސްލިމުންގެ ފިހާރަތަކާއި މިސްކިތްތަކުގައި ހުޅު ޖެހުމުގެ އަމަލުތައް ހިންގިއެވެ.

އެ ހަމަ ނުޖެހުންތައް ފަހުން ދެކުނުގައިވާ ކެންޑީއަށް ވެސް ވަނީ ފެތުރިފަ އެވެ. ހަމަނުޖެހުންތަކުގައި މިހާތަނަށް ދެމީހަކު މަރުވި އިރު ގިނަ ފިހާރަތަކަކާއި މިސްކިތްތަކަަކަށް ވަނީ ގެއްލުންދީފައެވެ.

ހަމަނުޖެހުންތައް ހުއްޓުވައި ލަންކާ އާއްމު ހާލަތަކަށް ގެނައުމަށް އެގައުމުގެ ސަރުކާރުން މިހާރު ވަނީ 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ކެންޑީގައި ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް މަނާކޮށްފަ އެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން އެ ގައުމުގައި ތިބި ދިވެހިންނަށް ސަރުކާރުން ވަނީ އިރުޝާދުތަކެއް ދީފައެވެ. ލަންކާ ސަރުކާރުން މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހި އާއިލާތަކާ ރާއްޖޭގައި ތިބި އެ އާއިލާތަކުގެ މެންބަރުންނާ މުއާސަލާތު ކުރުމުގައި މިވަގުތު ވަނީ ދަތިވެފަ އެވެ.