ވިޔަފާރި

ކުނި މެނޭޖުކޮށް ބަލަހައްޓާ ރިސޯޓްތަކަށް ހާއްސަ އެވޯޑެއް ދެނީ

May 14, 2015

ކުނި މެނޭޖުކޮށް ބަލަހައްޓާ ރިސޯޓުތަކަށް ހާއްސަ އެވޯޑެއް ދިނުމަށް "ތްރީ އާރު" ފޯރަމްގައި މަޝްވަރާ ކޮށްފި އެވެ.

ކުނި މެނޭޖު ކުރުމާއި ބެހޭ ގޮތުން އޭޝިޔާ އަދި އޭޝިޔާ ޕެސިފިކް ގައުމުތައް ގުޅިގެން އދ. ގެ އެހީތެރިކަމާއެކު ތިން ދުވަހުގެ މުއްދަތައް ރާއްޖޭގައި ބޭއްވި ފޯރަމްގައި ކުނީގެ ސަބަބުން ތިމާވެއްޓާ ލިބޭ ގެއްލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާ އިން މި މައްސަލައަށް ހައްލު ގެނެސް ދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި މެދު ބައިވެރިންގެ މެދުގައި މަޝްވަރާ ކުރި އެވެ.

ފޯރަމްގައި ނިންމުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ނައިބް އަލީ އާމިރު ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖުކޮށް ބަލަހައްޓާ ރިސޯޓަކަށް ދޭން ނިންމާފައިވާ "ތްރީ އާރު" އެވޯޑު ދޭނެ ވަކި ގޮތެއް ކަނޑައަޅާފައިނުވާ ކަމަށެވެ.

"މި އެވޯޑަކީ މިހާރު ސަރުކާރުން ދޭ ގްރީން އެވޯޑު ފަދަ އެވޯޑެއް. ނަމަވެސް ދެން ބަލަންވީ އެވޯޑު ދޭނެ ގޮތަކާއި މެދު،" އާމިރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަރުމެންޓް މިނިސްޓްރީ އަދި ޖަޕާނުގެ އެންވަރުމެންޓް މިނިސްޓްރީ ގުޅިގެން ބޭއްވި މި ފޯރަމްގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގެ އިތުރުން އޭޝިޔާ އަދި އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ރިސޯޓުތައް ތަމްސީލްކުރާ މަންދޫބުން ވެސް ބައިވެރިވެފައިވެ އެވެ.