އަހުމަދު ނިހާން ހުސައިން މަނިކު

ބޮޑު ގައުމުތަކާ ނިހާންކުރީ ކުޑަ ސުވާލެއް!

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ މިހާރު ހިނގާ ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރާ ބޮޑެތި ބގައުމުތަކަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުޑަކުޑަ ސުވާލެއް ކުރިމަތި ކުރުވައިފި އެވެ. އޭނާ ކުރައްވާ ސުވާލަކީ ދުނިޔޭގެ ބާރުގަދަ ބޮޑެތި ގައުމުތައް ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުންފާޅު ކުރާއިރު، ފަލަސްތީނާއި ސީރިޔާފަދަ ގައުމުތަކުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށްލަން ނުކެރެނީ ކީއްވެގެން ހެއްޔޭވެ؟

ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގައި ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގައި 30 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ބޭރު ގައުމުތަކުން ގެންދަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ރާއްޖޭގެ އެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސީރިޔާގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން ބޭރުގެ ޗެނަލަކުން ދެއްކި ހަބަރެއް ފޭސްބުކްގައި ޝެއާ ކުރައްވަމުން ނިހާން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އަދި ޔޫރަޕްގެ އިއްތިހާދު (އީޔޫ) އަށް އެ މަންޒަރުތަކާއި އަޑުތައް ނީވެނީ ކީއްވެތޯ ވެސް އޭނާ ސުވާލު އުފެއްދި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ވަފުދުތައް ފޮނުވާ، ގަރާރުތައް ނެރެ ފިޔަވަޅު އަޅަން ފޫގަޅައިގެން ތިބި އިރު ސީރިޔާ އާއި ފަލަސްތީނުގައި ހިނގަމުންދާ ޖަރީމާ ކުށްވެރިކޮށްލާނެ ހިތްވަރު އެ ގައުމުތަކުގައި ނެތީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

"މީ ބޮޑު ގައުމުތަކަށް ކަންބޮޑުވަނީ ރާއްޖޭގައި ހިނގާ ކަންތައްތައް ކަމަށްވާނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއް ނޫންތޯ؟" ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވެފައިވާ އިރު ރާއްޖެއާ ގުޅޭ ގޮތުން އީޔޫ ކައުންސިލަށް ހުށަހެޅި މައްސަލައެއްގައި އެ ކައުންސިލުން ވަނީ ވަކިވަކި ފަރާތްތަކަށް ފިޔަވަޅު އަޅަން ވިސްނުމުގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލައިފަ އެވެ. އަދި އެ ހާލަތު ސުލްހަވެރިކަމާއެކު އުވާލަން ދުނިޔޭގެ 40 ގައުމަކުން އިއްޔެ ވަނީ ގޮވާލައިފަ އެވެ.