ދުނިޔެ

ލަންކާ މުސްލިމުންނަށް އިންސާފުހޯދައިދޭން އދ. އިން ގޮވާލައިފި

ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އދ. އިން ލަންކާ ސަރުކާރަށް ގޮވާލައިފިއެވެ.

ލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ އދ.ގެ އަންޑަ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމޭން ވިދާޅުވީ ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައި ހަމަނުޖެހުންތައް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ލަންކާ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އަމަލުކުރަން ގޮވައިލައްވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް އަލުން ހިނގިޔަ ނުދޭން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ތަފާތު ކުރުމެއް ނެތި އެންމެންގެ މައްޗަށް ވެސް ގާނޫނު ހިންގަން އޭނާ ގޮވައިލެއްވިއެވެ.

ލަންކާގެ ކެންޑީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން މިދިޔަ ހަފުތާގައި ހިންގި ހަމަނުޖެހުންތަކުގައި ދެމީހުން މަރުވެ އެތައްް ބަޔަކު ޒަހަމްވިއެވެ. އެހަމަނުޖެހުންތަކުގައި މުސްލިމުންގެ އެތައް ފިހާރަޔަކާއި މިސްކިތެއްގައި ބުޑިސްޓުން ހުޅުޖެހިއެވެ. އެހާލަތަށް ދިއުމުން ކެންޑީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް، މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ.

ކެންޑީގެ ހާލަތު ރަނގަޅުވަމުން އަންނާތީ އެރަށުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.