ހަބަރު

ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރޭ: އެޗްއާރްސީއެމް

Mar 12, 2018
3

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުރިއަށް ގެންދާ އެއްވުންތައް ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ. އެ ކޮމިޝަނުން މިހެން ބުނީ ކޮމިޝަނުން އެއްވުންތަކަށް ގޮސް ކުރި މޮނީޓާއަކަށްފަހު އެވެ.

މާލެ އާއި ރަށްރަށުގައި ކުރިއަށްދިޔަ އެއްވުންތައް މޮނީޓާކުރުމަށްފަހު އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި އަށް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމެވެ. ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން މީހުންނަށާއި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ގަވައިދާ ހިލާފަށް ޕެޕާ ސްޕްރޭ އެއްވުންތައް ރޫޅާލަން ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އާންމު މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށާއި ބައެއް އާންމުންނާއި ފުލުހުން އެކަށީގެންނުވާ ބަސްމަގު ބޭނުންކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އޭގެއިތުރުން އެޗްއާރްސީއެމްއިން ފާހަގަކޮށްފައިވަނީ އެއްވުންތަކަށް ކުޑަކުދިން ގެންގޮސްފައިވާ ކަމާއި 12ގެ ފަހުން ވެސް އަޑުގަދަކޮށް ސައިކަލްތަކުގައި ތިބެ ސަރަހައްދުތަކުގެ ގެތަކުގެ މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކޮށްފައިވާ ކަމެވެ. ފަހަކަށް އައިސް ބާއްވާ އެއްވުންތައް ސުލްހަވެރިކަމާއި އެ އެއްވުންތައް ރޫޅާލަން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެއްވުންތައް ރޫޅާލުމުގެ ތެރޭގަ އާއި ހައްޔަރުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ހަ މައްސަލައެއް ބަލަމުންދާ ކަމަށާއި އޭގެ ތެރެއިން ތިން މައްސަލައަކީ އެ ކޮމިޝަނުން އަމިއްލައަށް އިސް ނަގައިގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް ވެސް އެޗްއާރްސީއެމްއިން ބުންޏެވެ.