ވިޔަފާރި

ރަޝިޔާގެ ނޫސްވެރިންނަށް ރާއްޖޭގެ ރީތިކަން ދައްކާލައިފި

May 15, 2015

ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ ރަސްމީ އިދާރާ ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން ރަޝިޔާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ގެނެސް ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފި އެވެ.

ރަޝިޔާގެ ނޫސްތަކާއި ބްލޮގްތަކުން މަޝްހޫރުކަން ހޯދާފައިވާ ފަސް ނޫސްވެރިޔަކު ރާއްޖެއަށް ޒިޔާރަތް ކުރުމަށް ދިން ފުރުސަތުގައި 11 ދުވަހު ރާއްޖޭގައި ހޭދަކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީގެ ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ. މި ނޫސްވެރިން ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ގޮސް، ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާފައިވެ އެވެ. އަދި މީހުން އުޅޭ ރަށްރަށަށް ގޮސް، ދިވެހިންގެ ދިރިއުޅުން ވެސް ވަނީ ދެކެލައިފަ އެވެ.

ނޫސްވެރިން ވަނީ އެޓްމޮސްފިއާ ކަނިފުށި، މީރު އައިލެންޑް އަދި ލަކްސް މޯލްޑިވްސްގައި ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރާއްޖެ އަށް 321561 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ރަޝިޔާ އަކީ ކުރިން ރާއްޖޭގެ މުހިންމު މާކެޓެއް ނަމަވެސް މި ފަހަކަށް އައިސް ރަޝިޔާ އިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވަމުން އަންނަކަން ފާހަގަވެފައިވެ އެވެ.