ހަބަރު

ޝަހީމަށް ބޭސްފަރުވާ ލަސްކުރާތީ އެމްޑީޕީއިން އެކަން ކުށްވެރިކޮށްފި

Mar 12, 2018
1

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމްއަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޝަހީމް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ހައްޔަރުކުރުމަށްފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން އޭނާއަށް މިހާރުން މިހާރަށް ބެނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންގެންދާ ކަމަށް އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބަޔާނުގައި ބުނީ އެމްޑީޕީ ހަރުގެ ކައިރިން ޝަހީމް ހައްޔަރުކުރުމުގައިވެސް މީގެކުރިން އޭނާގެ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއަށް އިތުރަށް އަނިޔާ ލިބި، ބަންދުކުރުމަށްފަހު ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުނުނަމަވެސް އެކަން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކުރިން ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ، މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކަމަށެވެ. އެހެންކަމުން ސާޖަރީ ހެދުމަށް މިއަދު ހަމަޖެއްސުމާއެކު، ފުލުހުންގެ ފަރާތުން އާއިލާއަށް އަންގާފައިވަނީ މިއަދު ޝަހީމް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ މަތިން“ ކަމަށް ބުނި ކަމަށް އެމްޑީޕީއިން ބުނެ އެވެ. އަދި އާއިލާއަށް އެންގުމަކާނުލައި މިހާރު ޝަހީމް ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފަ ކަަމަށެވެ.

ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ފުލުހުން ހަމަޖައްސައިނުދީ ލަސްކުރަމުންގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ބޭސްފަރުވާ ހަމަޖައްސައިދިނުމަށް މިއަދާ ހަމައަށް އާއިލާއިން ފަސް ސިޓީ ފޮނުވާފައިވާއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް ސިޓީއަކަށް ފުލުހުން ޖަވާބުދީފައިނުވާ ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ބުނީ އެއްވެސް މީހަކަށް ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާހިނދު، ޝަހީމަށް ލިބެން ޖެހޭ ބޭސްފަރުވާ ނުދީ، އެނާއަށް ވޭން ލިބޭ ގޮތަށް ބިޑި އަޅުވައިގެން، ހިނގާފައި ގެންގޮސް އަދި ޑޮކްޓަރުން ދީފައިވާ ލަފަޔާ ހިލާފަށް އޭނާގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދާތީ ކަންބޮޑުވާ ކަމަށެވެ. އެކަމުގައި ޝާމިލްވާ ވަކިވަކި ފުލުހުންނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، އޭނާގޭ ސާޖަރީގެ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ފުލުހުންނަށް ގޮވާލާ ކަމަށް ވެސް ބުންޏެވެ. އަދި ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ދައުލަތުވެ މުވައްސަސާތަކަށްވެސް ވަނީ ގޮވާލާފަ އެވެ.