ދުނިޔެ

އައިއެސްގެ "ލީޑަރުގެ" ހިލަމެއް ހަ މަސް ފަހުން ވެއްޖެ

May 15, 2015

އިރާގާއި ސީރިއާގެ ބައެއް ބިންތައް ހިފައި އެ ސަރަަހައްދުގައި އަމިއްލަ އަށް އިސްލާމީ ހިލާފަތެއް އިއުލާނުކޮށް އުުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީގެ އެއްވެސް ހަބަރެއް ނުވާތާ ހަ މަސް ފަހުން އޯޑިއޯ މެސެޖެއް ނެރެފި އެވެ.

އޯޑިއޯގައި ވަނީ ބަޣްދާދީ އަޑުކަމެއް ކަށަވަރެއް ނުވެ އެވެ. ބަޣްދާދީ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް އާންމުކޮށްފައި މި ވަނީ އައިއެސްއާ ދެކޮޅަށް އިރާގުގައި ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ބަޣްދާދީ މަރުވެފައި ނުވަތަ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް އާންމުވެފައި ވަނިކޮށެވެ. މި ރިޕޯޓްތަކަށް ބާރު ލިބެނީ މިދިޔަ ހަ މަސް ތެރޭ ބަޣްދާދީ އެއްވެސް ތަނަކުން ފެނިފައި ނުވާތީ އާއި އޭނާގެ އެއްވެސް މެސެޖެއް ވެސް އާންމުކޮށްފައި ނުވާތީ އެވެ.

މި އޯޑިއޯ އާންމުކުރި އިރު، ބަޣްދާދީ ޒަހަމްވުމުން ޖަމާއަތުގެ އޮޕަރޭޝަންތައް ބެލެހެއްޓުން ހަވާލުކުރި ކަމަށް ބުނާ ނައިބު ވެސް ވައިގެ ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ބުދަ ދުވަހު އިރާގުން ބުނެފައިވެ އެވެ.