ސޫރިޔާގެ އިރުމަތީ ޣޫތާގައި ޒަހަމްވެފައި ތިބި މީހުން އެރަށުން ނެރެން ފުރުސަތުދޭން ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށް އިދިކޮޅު ހަނގުރާމަވެރިން ބުނެފިއެވެ.
ސޫރިޔާގެ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގެ ކުރީކޮޅުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ދިޔަ އިރުމަތީ ޣޫތާ ހިސާރުކޮށް އެ ސަރަހައްދަަށް ހަމަލާދެމުން ދަނީ ސޫރިޔާ ސަރުކާރުގެ ސިފައިންނާއި ރަޝިޔާއާއި އީރާނާއި އީރާނުން މަދަދުދޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިހައިތަނަށް އެމީހުން ދިން ހަމަލާތަކުގައި ޣޫތާއިން 1100 މީހުން މަރުުވެ 4000 މީހުން ވަނީ ޒަހަމްވެފައެވެ.
މުޅި އިރުމަތީ ޣޫތާ ކުރިން ކޮންޓްރޯލް ކުރަމުން އައި ޖައިޝުލް އިސްލާމް ނަމަކަށް ކިޔާ ޖަމާއަތަކުން ބުނީ ޒަހަމްވެފައިވާ މީހުން ޣޫތާއިން ނެރެގެން ގެންދަން ފުރުސަތުދޭން ރަޝިޔާއިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މީހުން ގެންދަން ފެށޭނީ ކޮން އިރަކުން ކަމެއް އެޖަމާއަތަކުން ނުބުނެއެވެ. އަދި އެގޮތަށް އެއްބަސްވިކަން ރަޝިޔާއިން ކަށަވަރެއް ވެސް ނުކޮށްދެއެވެ. ނަމަވެސް އދ. އިން ބުނީ ޖައިޝުލް އިސްލާމް ޖަމާއަތާއި ރަޝިޔާއާ ދެމެދު ވާހަކަތައް ކުރިއަށް ދިޔަ ކަމަށެވެ.
އިރުމަތީ ޣޫތާގައި ސޫރިޔާއާއި އީރާނާއި ރަޝިޔާއިން ހިންގާ ޖަރީމާތަކާ ގުޅިގެން އދ.ގެ ސަލަމާތީ މަޖިލީހުން ގަރާރެއް ވެސް ފާސްކުރިއެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ މުޅި ސޫރިޔާގައި ހަމަލާ ދިނުން 30 ދުވަހަށް މެދުކަނޑައިލުމަށެވެ. ނަމަވެސް ހަމަލާތައް ހުއްޓައިލަން އެއްވެސް ބަޔަކު އަދިި ނޫޅެއެވެ.
ސޫރިޔާގައި ހިނގަމުންދާ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ