ހަބަރު

12 މެންބަރުންގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފި

ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު ހުށަހެޅި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައި ގަތް މެންބަރުންގެ ތެރެއިން 36 މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް މަޖިލީހުގައި 39 މެންބަރުން ތިއްބެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ. އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.

ނަމަވެސް އެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާކުގެ ކޮމިޓީއަށް އިއްޔެ ފޮނުވުމުން ވަނީ އެންޓި ޑިފެކްޝަން ބިލުގެ ތިން ވަނަ މާއްދާގެ ފުރަތަމަ ބަޔަކަށް އިތުރު ކުރެވިފައި ވަނީ ރެޓްރޯސްޕެކްޓިވް އުސޫލު 13 ޖުލައި އިން ފެށޭ ގޮތަށް ހެދުމަށް ފާސްކޮށްފަ އެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ. -- އެހެންވެ ބިލު ފާސްވެ ގާނޫނަކަށް ވާ ހިސާބުން ގޮނޑި ގެއްލޭނެ އެވެ. --

ގޮނޑިއާމެދު ބަހުސް ބޮޑުވެފައިވާ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތްކޮށް 12 މެންބަރެއްގެ ގޮނޑި އިލެކްޝަން ކޮމިޝަނުން ގެއްލުވާލި އެވެ. ނަމަވެސް ގޮނޑީގެ މައްސަލާގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން އެކެއް ފެބުރުއަރީގައި ނިންމެވި އެވެ. ނަމަވެސް އެ އަމުރާމެދު ހިތްހަމަ ނުޖެހިގެން އޭޖީ ވަނީ ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލާގައި ގޮތެއް ނިންމެންދެން މެންބަރުން މަޖިލީހަށް ނުވައްދަން ވަގުތީ އަމުރެއް އޭގެ ފަހުން ވަނީ ނެރެފަ އެވެ. އެ އަމުރު ނެރުއްވީ ތިން ފަނޑިޔާރުންނެވެ.