ހަބަރު

ރޮހިންޖާ ފަންޑަށް ހިޔާނާތެއް ނުވޭ، ފައިސާވީ ބޭންކުގައި

މިޔަންމާގެ ސިފައިން ހިންގި އަމަލުތަކާ ގުޅިގެން ހާލުގައި ޖެހުނު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާއަށްވީ ގޮތެއް ނޭނގުނު ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ފައިސާތައްވީ ބީއެމްއެލްގެ އެކައުންޓަށް ޖަމާކޮށްފަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރޮހިންޖާ ފަންޑަށްވީ ގޮތެއް ސަރުކާރުން ނުބުނި ކަމަށް ބައެއް މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އެ ފަންޑަށްވީ ގޮތް އިސްލާމިކް މިނިސްޓްރީއަށް ބުނަން ނޭނގުނު ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމާ ގުޅިގެން އަވަސްއަށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރޮހިންޏާ ފަންޑު ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީން ނޫން ކަމަށާއި އެއީ ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން އުފެއްދި ކޮމެޓީއެއްގެ ދަށުން ކަމަށެވެ. އެ ކޮމެޓީގެ ދަށުން އެ ހަރަކާތް ކުރިއަށް ދިޔައީ ވަރަށް ހަރުދަނާ ގޮތެއްގަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދިވެހި ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ އެއްވެސް މިނިސްޓްރީއެއްގެ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައެއް ނުހުންނާނެ، ބޭންކް އޮފް މޯލްޑިވްސްގެ ރޮހިންޏާ ފަންޑުގެ ނަމުގަ ހާއްސަ އެކައުންޓެއް ހަދައި ކުރިއަށް ގެންގޮސްފަ ހުރި މަސައްކަތެއް މިއީ، ނަގުދު ފައިސާގެ ގޮތުގައި ލިބުނު ފައިސާތައް ވަގުތުން ވަގުތަށް ޖަމާކުރަމުން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިސާ ގުނުމުގައި އެއްވެސް ސަރުކާރުގެ ނުވަތަ މިނިސްޓްރީގެ މުވައްޒަފަކު ބައިވެރިވެފަ ނުވާނެ ކަމަށާއި ހުރިހާ ފައިސާއެއް ވެސް ގުނީ ގައުމީ ޓީވީއިން ލައިވްކުރަމުން މީރާގެ މުވައްޒަފުން ކަމަށެވެ. އެގޮތުން ޖުމްލަ 18 މިލިއަން ރުފިޔާ ފަންޑަށް ލިބުނުކަން ކުރިން ވެސް އިއުލާންކޮށްފައިވާނެކަން ފާހަގަކުރެއްވި އެވެ.

އަނބަ ބަހުން ފައިސާ ދޭނެ ކަމަށް ބުނި ފައިސާތަކާއި ސިޓީތަކުން ދޭނެ ކަމަށް ބުނި ފައިސާތައް ހޯދުމަށް ދުވަސްކޮޅެއް ނެގި ކަމަށާއި ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން ކަނޑާ ގޮތަށް ފައިސާ ދިނުމަށް ނިންމުމުން އެކަންކަން ނިންމަން ދުވަސްތަކެއް ނެގި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައިސާތައް ހަމަކުރުމަށްފަހު އެ ފައިސާތައް ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަނަ ދުވަހު ބޭންކްގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން އޭގެ ދެ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މީޑިއާ ހިއްސާކުރެއްވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޭންކްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އާންމުކޮށް އިއުލާންކޮށްފައިވަނިކޮށް ފައިސާތައް ވީތަނެއް ނޭނގުނު ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. އެ މައުލޫމާތު ބޭންކް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރެއްވިނަމަ ރަނގަޅުވީސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފައިސާ ހުރީ ހަމަ ބޭންކްގެ އެކައުންޓްގަ، ނޮވެމްބަރުގެ ނުވަނަ ދުވަހު އެދިފަ ވާނެ އެ ޖަމާކޮށްދިނުމަށް، އެހެންވީމަ އެ މަރުހަލާ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރެވެނީ ބޭންކްއިން އެ ކުރަނީ، އަހަރުގެ ފަހުކޮޅުވީމަ ބޭންކްގެ ހިސާބުތަކެއް ވެސް ހުންނާނެ ކަމަށް ލަފާ ކުރެވެނީ، އެހެންވީމަ އެ ހިސާބުތައް ނިންމާފަ ޖެނުއަރީ މަސް ފެށިގެން މިއައީ، ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފަ މިހާރު އެ ދަނީ ބޭންކްގެ އިދާރީ މަސައްކަތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފައިސާތައް ޖަމާކުރުމުގައި ލަސްވަމުންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނަމަވެސް ބޭންކްގެ އިދާރީ ކަންކަމަށް ހޭދަވާ ވަގުތުތައް ސާފުކުރަން ޖެހޭނީ ބޭންކް ކަމަށް ވިދާޅުވި އެވެ. އުއްމީދު ކުރަނީ ވީއެންމެ އަވަހަކަށް އެ ފައިސާތައް ޖަމާކުރެވިގެން ދިޔުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ބުނީ ފައިސާތައް ޖަމާކުރުމުގެ ކަންކަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ފައިސާތައް ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޭންކް ކަމަށެވެ. ބޭންކްގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެކަންކަން ކުރިއަށް ދާނީ މީޑިއާ ބޭނުންވާ ގައިޑްލައިނަށް ނޫން ކަމަށާއި އެތަނެއްގަ ހަމަޖެހިފައިވާ އުސޫލުތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި، އެފަދަ ކަންކަމުގައި މީޑިއާއަށް އަބަދު ހިއްސާކުރާނެ އަޕްޑޭޓްތަކެއް ނޯންނާނެ ކަމަށާއި ރޮހިންޏާ ފަންޑުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މީޑިއާއަށް ހިއްސާކޮށްގެން ކަމަށެވެ. ކުރިއަށް އޮތްތާވެސް މީޑިއާއަށް އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަމުންދާނެ ކަމަށެވެ.