ހަބަރު

އެންޓ ޑިފެކްޝަނަށް ވޯޓު ނުދެއްވީ ނަޝީދާއި މުހައްމަދު ހުސެއިން

ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލު ފާސް ކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން ބައިވެރިވެވަޑައި ނުގެންނެވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް ވޯޓަށް ހުޅުވާލުމުން ވޯޓު ދެއްވީ 26 މެންބަރުންނެވެ. ނަމަވެސް އޭރު 38 މެންބަރުން މަޖިލީހުގައި ތިއްބެވެ. މަޖިލީހުން މިއަދު އާންމު ކުރި ވޯޓުގެ ނަތީޖާގައިވާ ގޮތުން ވޯޓުގައި ބައިވެރިވެވަޑައި ނުގަތީ ނަޝީދާއި މުހައްމަދު ހުސެއިން އެވެ.

ގާނޫނީ ގޮތުން ފުންނާބު އުސް، ނަޝީދު އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ މީގެ ކުރިން ވަނީ އެ މައްސަލާގައި ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވައިފަ އެވެ. އެގޮތުން ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތެއް ނުހެދޭނެ ކަމަށާއި ފްލޯ ކްރޮސްކުރުމުން ގޮނޑި ގެއްލޭނެކަން ކަނޑައަޅަން ޖެހޭނީ ގާނޫނު އަސާސީގައި ފަސްވަނަ ހާލަތެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ގާނޫނަކުން ކަނޑައަޅަން ޖެހޭނީ އޭގެ ތަފްސީލްތައް ނުވަތަ އިޖުރާއުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ހުސެއިން ވަނީ އެ ބިލަށް ތާއީދު ކުރައްވާ ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މަޖިލީހުގެ ގޮނޑި ގެއްލޭ އުސޫލަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް އެ ބިލު ވާން ޖެހޭނީ ހަރުދަނާ އުސޫލެއްގެ މަތިން ހަދާ ގާނޫނާ އަސާސީގެ މައްޗައް ބިނާ ކުރާ ގާނޫނަކަށް ކަމަށެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ. އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.