ރާއްޖޭގައި ރާއްޖޭން އަމިއްލައަށް ހައްލު ނުކުރެވޭ ވަރުގެ މައްސަލަތަކެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ބައިނަލް އަގުވާމީ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެހީއަށް އެދެން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ އެންމެ ފުރަތަމަވެސް އެދޭނީ އިންޑިއާގެ އެހީއަށް ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްސްދަލުވުމުގައި އެފީހުގެ ލީގަލް އެފެއާޒް މިނިސްޓރު އާޒިމާ ޝުކޫރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
" އަޅުގަނޑުމެން މިހާތަނަށް ވެސް ބުނަމުން މިއައީ. ތިޔަބޭފުޅުން މިކަމަށް އިހުތިރާމް ކުރައްވަން ޖެހިވަޑައިގަންނަވާނެ. އަދި މިިއި އިންޑިއާއަށާއި އެހެން ގައުމުތަކަށް ވެސް ދެވޭ މެސެޖަކަށް ވާނެ ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން އެބަހުރި. އަޅުގަނޑުމެން ކީއްވެތޯ ނުދިޔައީ ކަޝްމީރު މައްސަލައަށް، ގޮސް ނުބުނީ މެދުވެރިއެއްގެ ދައުރު އަދާކުރަން ބޭނުމޭ؟" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތަށް ރާއްޖޭން ނުބުނީ އެއީ އިންޑިއާގެ އެތެރޭގެ މައްސަލައަކަށް ވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު މި ގޮތަށް ޖަވާބު ދެއްވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލުކުރަން އިންޑިއާއަށް އަދާކުރެވޭނީ ކޮން ދައުރެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
މިނިސްޓަރު ދެން ވިދާޅުވީ އެހީތެރިކަން ބޭނުންވާ ހާލަތެއް ރާއްޖޭގައި ނެތް ކަމަށާއި މާލޭގައި ހިނގައިލިޔަސް އެކަން ފެންނާނެ ކަމަށެވެ. ރާއްޖެއަށް ކުރިމަތިވި މިފަދަ މައްސަލައެއް ހައްލުކުރަން އެހީ ބޭނުންވީ އެންމެ ފަހަރަކު ކަމަށާއި އެފަހަރު އެހީވީ އިންޑިއާއިން ކަމަސް ވެސް ވިދާޅުވިއެވެ. އިންްޑިއާއާއި އެހެން ގައުމުތަކުން ވެސް ދިވެހި ސަރުކާރަށް އިތުބާރު ކޮށް އަމިއްލަ މައްސަލަތައް އަމިއްލައަށް ހައްލުކުރަން ދޫކޮށްލަަ ން ޖެހޭ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވެއްޖެ ނަމަ ފުރަތަމަ އެބައެއްގެ ގާތަށް ދާ ބަޔަކަށް ވާނީ އަޅުގަނޑުމެންގެ އަވަށްޓެރިން. އަދި އަހަރެމެންގެ ބޮޑެތި ބޭބެމެން، އެއީ އިންޑިއާގެ ގާތަށް، " އޭނާ ވިދާޅުވިއެވެ.
އިންޑިއާއާ ރާއްޖެއާ ދެމެދު އަދިވެސް އޮތީ ގާތް ގުޅުމެއް ކަމަށާއި ދެގައުމު ވަތްކެއް ނުވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މިހައްމަދު ނަޝީދު ދެެއްކެވި ވާހަކައަށް ވެސް ތިން ބޭފުޅުން ރައްދު ދެއްވިއެވެ. ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކޮށް މަސައްކަތްކުރާ ގައުމުތަކުގެ މެދުގައި އަޅާ ކިއުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭަގައި މަޝްރޫއުތައް ހިންގަނީ ސަރުކާރުތަކުން ނޫން ކަމަށެވެ. އެ މަޝްރޫއުތައް ހިންގަނީ ކުންފުނުތަކުން ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ހާލަތު އުފެދުނު ފަހުން ރާއްޖޭގެ ސިޔާސީ ޓީތަކުން މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން އެކި ގައުމުތަކުން އަންނީ ހުށަހަޅަމުންނެވެ. އެގޮތުންް އިންޑިއާ ޗައިނާ އަދި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެކަމާ ގުޅިގެން ރާއްޖެއަށް އެހީވާން އެދިފދައެވެ.