ހަބަރު

އެސްއޯއީގެ ދަށުން އެމްޑީޕީގެ އިތުރު ދެ ބޭފުޅަކު ހައްޔަރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީ ގައުމީ މަޖިލީހުގެ އިތުރު ދެ މެންބަރަކު މިއަދު ހައްޔަރުކޮށްފި އެވެ.

މިއަދު ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ރައީސް މުހައްމަދު ވަހީދު (ވައްޑެ) އާއި މާމިނގިލީ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދެވެ. އެ ދެ ބޭފުޅުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރިއިރު ކުރާ ތުހުމަތެއް ސާފެއް ނުވެ އެވެ.

މީގެކުރިން ވެސް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ބަޔަކަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާއިރު އަނެއް ބަޔަކަށް ކުރަނީ ހުޅުޖަހައި މާލޭގެ އަމަންއަމާންކަން ނަގާލަން އުޅުމުގެ ތުހުމަތެވެ.

ހުޅުޖަހަން އުޅުމުގެ ތުހުމަތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން މުހައްމަދާއި ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) އާއި މަޝްހޫރު ލެކިއުޓްގެ ހިއްސާދާރު އަބްދުލް މާޖިދާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވެ އެވެ.

އޭގެއިތުރުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ފަސް މީހަކު ހައްޔަރުކޮށްފައި ވެއެވެ.