ހަބަރު

ކުއްލި ހާލަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: ސަރުކާރު

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބައިނަލް އަގުވާމީ ނޫސްވެރިންނަށް ނޫސްވެރިންނަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މިހާރުވެސް ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނީ ފެބްރުއަރީ އެކެއް އަމުރާ ގުޅުންހުރި މައްްސަލަތަކުގައި ހައްޔަރުކޮށް ތަހުގީގު ހިނގަމުންދާ މީހުންނަށް އެކަނި ކަމަށެވެ.

އާޒިމާ ވިދާޅުވީ މަޖިލީހުން އިތުރުކޮށްދިން މުއްދަތުގެ ދަށުން، ކުއްލި ނުރައްކަލުގެ ހާލަތުގައި 10 ދުވަސް އަދިވެސް އެބަ އޮތް ކަމަށެވެ. އަދި އެ މުއްދަތު ނިމޭނީ މި މަހުގެ 22 ވަނަ ދުވަހަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

"ތިޔަބޭފުޅުންނަށް މިއަދު ފެނިފައިވާނެ ރާއްޖޭގައި ދިރިއުޅުން އޮތީ އާންމު ހާލަތެއްގައިކަން. އެއްވެސް ސްކޫލެއް، ފިހާރައެއް ބަންދެއް ނުކުރޭ. އޮފީސްތަކާއި ވިޔަފާރިތައް ހުޅުވައި، ހިންގަމުން ދަނީ،" އާޒިމާ ވިދާޅުވިއެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒު ނުކުރަން ވެގެން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ. އެއަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ތިން ބޭފުޅުންނަށް އެކި ތުހުމަތުތައް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ވެސް ކުއްލި ހާލަތުގެ ދަށުން ގިނަ ބަޔަކު ތިބީ ހައްޔަރުކޮށްފަ އެވެ.