ހަބަރު

ނޫސްވެރިން އިހްތިޖާޖުކުރުމުން ފިޔަވަޅު ނޭޅި މައްސަލަ ޝަރީއަތަށް

ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ރާއްޖެޓީވީން އިހުތިޖާޖު ކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނުބެލުމުން، އެ ކޮމިޝަންގެ މެންބަރު، އަސްއަދު ޝަރީފް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓްގައި ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާއަށް ރާއްޖެ ޓީވީގެ ނޫސްވެރިން އައީ އިހުތިޖާޖު ކުރުމަށް ގަނޑުތަކާއި "އަބުރު ފަންޑު" ފޮށި ހިފައިގެނެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއާ ދެކޮޅަށް އެ ހަފްލާ ތެރޭގައި ރާއްޖެ ޓީވީގެ ނޫސްވެރިން އިހުތިޖާޖު ކުރި އެވެ.

އެ މައްސަލަ އައްސަދު އެމްއެމްސީއަށް ހުށަހެޅުމުން އެ ކޮމިޝަނުގެ 14 މެންބަރެއްގެ ވޯޓާއެކު ނިންމީ ބަލަން ނުޖެހޭ ކަމަށެވެ. އެ ނިންމުމާ ހިތްހަމަ ޖެހިވަޑައި ނުގެން އައްސަދު ވަނީ އެމްއެމްސީއާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިފައިނުވުން މައްސަލަ ޝަރީއަތަށް ފޮނުވީ އެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ރާއްޖެ ޓީވީން ނޫސްވެރިކަމުގެ އެވޯޑު ހަފްލާގައި އިހުތިޖާޖު ކުރީ ބްރޯޑްކާސްޓިން ކޮމިޝަނުން ތިން ފަހަރަށް އެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެނެވެ.