ހަބަރު

ޗެނަލް 13އިން ގާސިމްގެ އަބުރާ ބެހޭ ކަމަށް ބުނެ ޖޭޕީއިން ބްރޯޑްކޮމްއަށް

Mar 13, 2018
2

ސަރުކާރާއި ޕީޕީއެމްގެ ސިޔާސަތުތައް ޕްރޮމޯޓްކުރާ، ޗެނަލް 13 އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަބުރަށް އުނިކަން އަންނަ ފަދަ ޕްރޮގްރާމްތައް ތަކުރާރުކޮށް ދައްކަމުންދާ ކަމަށް ބުނެ އެ ޕާޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓްރީ ޖެނަރަލް އަހުމަދު ސަމީރު ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ގާސިމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ހިލާފަށް ތަފާތު ޕްރޮގްރާމްތައް ހަދައިގެން ދައްކަމުންދާއިރު ވެސް އެ ކޮމިޝަނުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

ޗެނަލް 13އިން މިރޭ "ގާސިމްގެ އަނދިރި ފަރާތް" ނަމުގައި ޕްރޮގްރާމެއް ގެނެސްފަ އެވެ. އެ ޕްރޮގްރާމް ވަރަށް ގަދައަށް އިޝްތިހާރު ވެސް ކޮށްފައިވެ އެވެ. އެ ޕްރޮގްރާމްގައި ގާސިމްއާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކާއި ތުހުމަތުތައް ކޮށްފައިވެ އެވެ.

އެކަންކަމަކީ ބްރޯޑްކާސްޓްކުރުމުގެ އާންމު މިންގަނޑާ ހިލާފަށް ހިންގަމުންދާ ކަމެއް ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެދުނީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައިދިނުމަށެވެ.

ޗެނަލް 13 އިން އިދިކޮޅު ލީޑަރުންނާ ގުޅޭ ގޮތުން ތަފާތު ތުހުމަތުތައްކޮށް ޕްރޮގްރާމްތައް ދެއްކި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަބުރުފުޅަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ކުރެހުންތަކެއް ވެސް އެ ޗެނަލްއިން ދެއްކި އެވެ.

އެ ޗެނަލްއާމެދު ކޮމިޝަނުން މިހާތަނަށް އެއްވެސް ފިޔަވަޅެއް ނޭޅި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް އަރައިގަތް ކަމަށް ރާއްޖެޓީވީ އެކި ފަހަރު މަތިން ވަނީ ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އޭގެއިތުރުން ވީޓީވީ ވެސް ވަނީ މިފަހުން ޖޫރިމަނާކޮށްފަ އެވެ. އެ ދެ ޗެނަލް ވެސް ޖޫރިމަނާކޮށްފައިވަނީ ޓީވީގައި މީހަކު ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެވެ.