ދުނިޔެ

ވެއްޓުނު ބޯޓާ ހެދި ބޮޑު އަރައިރުމެއް އުފެދިއްޖެ

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ޓްރިބުއާން އިންޓަނޭޝަނަލް އެއާޕޯޓް (ޓީއައިއޭ) ގެ ކައިރީގައިވާ ބޯޅަދަނޑަކަށް ވެއްޓުނު މަތިންދާބޯޓްގެ މައްސަލައިގައި ބަންގްލަދޭޝްގެ ޔޫއެސް ބަންގްލާ އެއާލައިންސް އާއި ސިވިލްް އޭވިއޭޝަން އޮތޯރިޓީ އޮފް ނޭޕާލް (ސީއޭއޭއެން) އާ ދެމެދު އަރައިރުމެއް އުފެދިއްޖެ އެވެ.

ޔޫއެސް ބަންގްލާ އެއާލައިންގެ މަތިންދާބޯޓް 211 ވެއްޓުނު ހާދިސާގައި އެ ބޯޓުން ދަތުރުކުރި 71 މީހުންގެ ތެރެއިން 51 މީހަކު މަރުވިއެވެ. ސީއޭއޭއެން އިން ބުނަމުން އަންނަނީ ބޯޓު ވެއްޓުމުގެ ކުރިން ކޮންޓްރޯލް ޓަވަރުން ދިން އިރުޝާދުތަކާ ޕައިލޮޓް ހިލާފުވި ކަމަށެވެ. އެގޮތުން އެއާޕޯޓުގެ އުތުރު ކޮޅުން ބޯޓު ޖައްސަން މަސައްކަތް ކުރީ ދެކުނުން ޖައްސަން އިރުޝާދީފައި އޮއްވާ ކަމަށެވެ.

ނަމަވެސް އެއާލައިނުން ބުނީ ކޮންޓްރޯލް ޓަވަރުން ޕައިލޮޓަށް އިރުޝާދު ދިނީ ނުބައިކޮށް ކަަމަށެވެ. ޕައިލޮޓާއި ޓަވަރާ ދެމެދު ކުރި އެންމެ ފަހު މުއާމަލާތްތަކުގެ އޯޑިއޯ މިހާރު ވަނީ ލީކްވެފައެވެ. ނޭޕާލް ސަރުކާރުން ބުނީ ސީއޭއޭއެން އާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގުޅިގެން އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަަމަށެވެ.

ސީއޭއޭއެންގެ ޑައިރެކްޓާ ޖެނެރަލް ސަންޖީވް ގޯތަމް އިއްޔެ ވިދާޅުވީ އެއާޕޯޓާ ޕައިލޮޓާ ދެމެދު ކުރި މުއާމަލާތުގެ އޯޑިއޯއަކީ އޭގައި ސަލާމަތީ ކަންކަމާއި ނާޒުކު ކަންް އެކުލެވިގެންވާ މުއާމަލާތެއް ކަމަށާއި އެ އޯޑިއޯ އާއްމު ކުރުމަކީ މަނާކަމެއް ކަމަށެވެ. ހަމަ އެއާ އެކު އޭނާ ވިދާޅުވީ ޓަވަރުން ޕައިލޮޓަށް ނުބައިކޮށް އިރުޝާދު ދިން ކަމަށް އެއާލައިނުން ދައްކާ ވާހަކައިގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

"އެކަހަލަ ވާހަކަތައް އާއްމުކޮށް ދެއްކުމުގެ ކުރިން އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރުގެ ގަރީނާ ހުންނަން ޖެހޭނެ އެވާހަކަ ދައްކާ މީހެއްގެ އަތުގައި،" ގޯތަމް ވިދާޅުވި ކަމަށް ކަތުމަންޑޫ ޕޯސްޓް ނޫހުގެ ހަބަރުގައި ވެއެވެ.