ހަބަރު

ރާއްޖެއަށް ފިޔަވަޅު އަޅަން ގޮވާލާ ގަރާރެއް އީޔޫއިން އެޖެންޑާކޮށްފި

ރާއްޖޭގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޑިމޮކްރެޓިކް އުސޫލުތައް ކުރިއަރުވަން ސަރުކާރުގެ އެކި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފަދަ ހުރިހާ ބާރެއް ބޭނުން ކުރަން ޔޫރަޕިއަން (އީޔޫ) އަށް ގޮވާލާ ގަރާރަކަށް އީޔޫ ޕާލަމެންޓުގައި މާދަމާ ބަހުސް ކުރަން އެޖެންޑާކޮށްފި އެވެ.

ހަތް ގައުމެެއްގެ ޕާލަމެންޓްރީ ގްރޫޕުން ސްޕޮންސާ ކޮށްފައިވާ ގަރާރަށް ބަހުސް ކުރާނީ ފްރާންސްގެ ސްޓްރަސްބާގްގައި މާދަމާ އެވެ. ސްޓްރަސްބާގްގައި މާދަމާ އޮންނަ ޖަލްސާއަކީ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ ސެޝަނުގެ ބައެކެވެ. ރާއްޖެއާ ބެހޭ ގަރާރަށް ބަހުސް ކުރާނީ މާދަމާ މެންދުރުފަހު 2.30 އިން 4.30 އަށެވެ.

ސަރުކާރުން ކުރުމަށް ގަރާރުގެ ދެލިލކޮޕީގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި ޝަރުއީ ނިޒާމުގެ މިނިވަންކަން ކަށަވަރުކޮށް، ސިޔާސީ ނުފޫޒެއް ނެތް ޝަރީއަތެއް ލިބުމުގެ ހައްގު ރައްޔިތުންނަށް ކަށަަވަރު ކުރުން ހިމެނެއެވެ. އަދި ރާއްޖޭގެ ސުޕްރީމްކޯޓަށް ނުފޫޒަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ފަނޑިޔާރުންނަށާއި ކޯޓުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށް ތުހުމަތުކޮށް އެކަން ކުށްވެރިކޮށްފައި ވެއެވެ.

ރާއްޖޭގައި މަރުގެ އަދަބުދޭން ފަށަން އުޅޭ އުޅުން އީޔޫއިން ކުށްވެރިކުރުން ތަކުރާރު ކުރުމަށާއި އިސްލާމްދީން ނޫން އެހެން ދީނަކަށް އުޅޭ ނަމަ ރާއްޖޭގައި އަދަބުދޭ ދިނުން ކުށްވެރި ކުރަން ވެސް ގަރާރުގެ ދެލިކޮޕީގައި ހިމަނާފައި ވެއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއުލާނުކޮށްގެން އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން ސަރުކާރުން ގެންގުޅޭ ގެންގުޅުން އީޔޫއިން ކުރިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އީޔޫ ފޮރިން އެފެއާޒް ކައުންސިލް އިން ފާސްކުރި ގަރާރުގައި އިންޒާރުކޮށްފައި ވަނީ ހާލަތު ބަދަލުނުވާ ނަމަ ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.