އިނގިރޭސިވިލާތް

ރަޝިޔާގެ ޑިޕްލޮމޭޓުންތަކެއް ޔޫކޭއިން ބޭރުކުރަނީ

ރަޝިޔާއާ ދެކޮޅަށް އިނގިރޭސި ސަރުކާރަށް ކުރިން ޖާސޫސް ކޮށްދިން ސަރްގެއި ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔޫލިއާ ސްކްރިޕަލް މަރާލަން ރަޝިޔާއިން މަސައްކަތްކުރި ކަމަށް ކުރާ ތުހުމަތަށް ރަޝިޔާ ސަރުކާރުން ޖަވާބު ނުދިނުމުން، އެ ގައުމުގެ 23 ޑިޕްލޮމޭަޓުން ބޭރުކޮށްލަން އިނގިރޭސި ސަރުކާރުން ނިންމައިފި އެވެ.

އިނގިރޭސި ވިލާތުުގެ ސެލިސްބަރީ ނަމަކަށް ކިޔާ ރަށުގެ ޝޮޕިން މޯލެއްގެ ބޭރުގައިވާ ބެންޗެއްގައި ސްކްރިޕަލްގެ ދެބަފައިން ހޭނެތިގެން ވެއްޓިފައި އޮއްވައި ފެނިގެން އެ ދެމީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެ ދެމީހުންގެ ހާލަތު ނާޒުކުވެފައި ވާއިރު އެމީހުންނަށް ފުރަތަމަ އެހީތެރިވާން އުޅުނު ފުލުހެއްގެ ހާލު ވެސް ވަނީ ދެރަވެފަ އެވެ.

އިނގިރޭސި ސަރުކާރުން ތުހުމަތު ކުރަނީ ސްކްރިޕަލްގެ ދެބަފައިންނަށް ހަމަލާ ދީފައި ވަނީ ކެމިކަލް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ވިހައެއް ކަމަށްވާ ނޮވިޗޮކް ނަމަކަށް ކިޔާ ނާޗް އޭޖެންޓެކެވެ. އަދި އެވައްތަރުގެ ވިހަޔަކީ ހަމަ އެކަނި ރަޝިޔާގައި އުފައްދާ ބާވަތެކެވެ.

ސްކްރިޕަލްގެ ދެބަފައިންނަށް ހަމަލާދޭން ރަޝިޔާގެ އުފެއްދުމެއް ބޭނުންކޮށްފައިވާތީ އެއީ ކިިހިނެތް ހިނގި ކަމެއްކަން އޮޅުން ފިލުވައިދޭން އިނގިރޭސި ސަރުކާރުން އިއްޔެއާ ހަމައަށް ރަޝިޔާއަށް މުހުލަތު ދިނެވެ. ނަމަވެސް އެ މުހުލަތު ހަަމަ ވިއިރުވެސް ރަޝިޔާއިން އެކަމާ އެއްޗެއް ނުބުނެ އެވެ. އެހެންވެ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ ވަނީ ނިންމަވާފަ އެވެ.

ޑިޕްލޮމޭޓުން ބޭރުކޮށްލަން އުޅޭ މައްސަލައިގައި ރަޝިޔާ އެމްބަސީން ބުނީ އެއީ ދުރު ވިސްނުމެއް ނެތް ކަމެއް ކަމަށާއި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަޅަން ނިންމި ފިޔަވަޅުތައް

* ރަޝިޔާގެ 23 ޑިޕްލޮމޭޓަކު ފޮނުވާލުން، އެމީހުން އިނގިރޭސިވިލާތް ދޫކޮށްދާން ހަފުތާއެއްގެ މުއްދަތު ދިނުން

* ރަޝިޔާއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ޕްރައިވެޓް ޖެޓުތައް މިހާރަށް ވުރެ ބޮޑަށް ބަލައި ފާސްކުރުން

* ރަޝިޔާގެ މުދާ ހިފެހެއްޓުން

* ރަޝިޔާގައި މިއަހަރު ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބައްލަވަން ޝާހީ ހާންދާނާއި ސަރުކާރުގެ ވަޒީރުން ވަޑައި ނުގަތުން

* ރަޝިޔާއާއި އިނގިރޭސިވިލާތުން މަތީ ފެންވަރުގައި ކުރަމުން އައި ހުރިހާ މުވާސަލާތީ ގުޅުންތައް ކަނޑައިލުން