ދުނިޔެ

ރައީސް އެނބުރި ވަޑައިގަތުމުން ބުރުންޑީގެ ބަޣާވާތް ނާކާމިޔާބުވެއްޖެ

ބުރުންޑީގެ ރައީސް ޕިއޭޒް ކްރޫޒީޒާ ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ގައުމުން ބޭރަށް ވަޑައިގެންނެވި ދަނޑިވަޅާ ދިމާކޮށް އޭނާގެ ވެރިކަން ވައްޓާލަން ބަޣާވާތްކުރި އެގައުމުގެ އަސްކަރިއްޔާގެ މޭޖާ ޖެނެރަލް ގޮޑެފްރޮއިޑް ނިޔޮމްބާރޭގެ ރޭވުންތައް ނާކާމިޔާބުކޮށް އޭނާ އާއި އޭނާގެ ބައިވެރިން ހައްޔަރުކޮށްފި އެވެ.

ސަމިޓް ނިންމަވާލެއްވުމަށް ފަހު ގައުމަށް އެނބުރި ވަޑައިގެން ބަޣާވާތުގެ ވެރިން ހައްޔަރުކުރެއްވުމަށް ފަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ކްރޫޒީޒާ ވިދާޅުވެފައި ވަނީ ހުރިހާ ކަމެއް ވެސް އޮތީ އޭނާގެ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގަމުން ދަނީ ގާނޫނު އަސާސީގެ ހިޔަލުގައި ކަމަށެވެ.

ބަޣާވާތުގެ ވެރިޔާ އާއި އޭނާއާ ބައިވެރިވި އެހެން ފަރާތްތަކާ ދެކޮޅަށް، އަމުރަށް ނުކިޔަމަންތެރިވެ ދައުލަތާ ދެކޮޅަށް ހަރަކާތްތެރިވި މައްސަލާގައި އަސްކަރީ ކޯޓެއްގައި ޝަރީއަތް ހިންގާނެ ކަމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ސުލްހަ އަލުން ގާއިމުވެއްޖެކަން އިއުލާނުކުރެއްވުމަށް ފަހު ކްރޫޒީޒާ ވަނީ އިތުރު ބަޣާވާތެއް ހިންގަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް ވެސް އިންޒާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެފަދަ ކަމަކުން ނުކުންނާނޭ ނަތީޖާ އަކީ ދާޚީލީ ހަނގުރާމަ އާއި ފަގީރު ކަމާއި ލާއިންސާނީ އަމަލުތައް ކަމަށެވެ.

ކްރޫޒީޒާގެ ވެރިކަން ވައްޓާލަން ކުރި ބަޣާވާތް "ޖޯކެއް" ގެ ގޮތުގައި އޭނާގެ ސަރުކާރުން ސިފަކޮށްފައިވާއިރު މި ހަމަނުޖެހުމެއްގެ ތެރެއަށް ބުރުންޑީ ވެއްޓުނީ ވެރިކަމުގެ ދައުރު އިތުރުކުރެއްވުމުގެ ހިޔާލުފުޅެއް ރައީސް ކްރޫޒީޒާ މިފަހުން ފާޅުކުރެއްވި ހިސާބުން ފެށިގެންނެވެ.

ކްރޫޒީޒާގެ ވެރިކަމަށް 10 އަހަރުވެފައިވާއިރު އާ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް އޭނާ އަކަށް ނެތެވެ. އެއީ 2003 ވަނަ އަހަރާ ހަމަ އަށް އެގައުމުގައި ކުރިއަށް ދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވައިލި ސުލްހައިގެ އެއްބަސްވުން ބުނާ ގޮތުން ދެ ދައުރަށް ފަހު ޖެހިގެން އަންނަ ދައުރަކަށް ކުރިމަތިނުލެއްވޭނެތީ އެވެ.

ނަމަވެސް ބުރުންޑީގެ ދުސްތޫރީ ކޯޓުން ވަނީ ކްރޫޒީޒާ އަށް ރިއާސީ ރޭހުން ފުރުސަތު ދީފަ އެވެ. އެއީ އޭނާ އަކީ މަޖިލީހުން އިންތިހާބުކޮށްފައިވާ ރައީސެއް ކަމަށް ބުނެ އެވެ. 

މައްސަލަ ހޫނުވެގެން ދިޔައީ މި ސަބަބާ ހެދި އެވެ.

ބުރުންޑީ އިން ދަނީ އަންނަ މަހު ރިއާސީ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ބުރުންޑީ އަކީ އެގައުމާ އިންވެގެން އޮތް ރުވާންޑާ ފަދައިން ދާޚީލީ ހަމަނުޖެހުމާއި ފަގީރުކަމުގެ މައްސަލަ ބޮޑު އެފްރިކާގެ ކުޑަކުޑަ ގައުމެކެވެ.