ޕީޕީއެމް

މިރޭގެ މުޒާހަރާއަށް ދާ މީހުން އެ ދަނީ އިސްލާމް ދީނާ ދެކޮޅަށް: ޕީޕީއެމް

Mar 16, 2018
13

އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާނީ އީޔޫ ޕާލިމެންޓަރީ ގްރޫޕުން ފާސް ކުރި ގަރާރުގައި އިސްލާމް ދީނާ ދެކޮޅަށް ހުރި ކަންކަމަށް ތާއީދު ކުރާ މީހުން ކަމަށާއި ދީނާ ދެކޮޅަށް އެ ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

ސަރުކާރުގެ ވަކި ވަކި ބޭފުޅުންނާއި މުއައްސަސާތަކަށް ފިޔަވަޅު އަޅަން ޔޫރަޕިއަން ކައުންސިލަށް ގޮވައިލަން ޔޫރަޕިއަން ޕާލަމެންޓުން ފާސް ކުރި ގަރާރުގައި ރާއްޖޭގައި މަރުގެ އަދަބުދޭން ފަށަން އުޅޭ އުޅުން ކުށްވެރިކުރުން ތަކުރާރު ކުރުމާއި އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އުޅޭ ނަމަ ރާއްޖޭގައި އަދަބުދޭ ދިނުން ކުށްވެރި ކުރަން ހިމަނާފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީޔޫ އިން ފާސް ކުރި ގާރާރުގައި އެންމެ މުހިންމު ކަމެއް ދީފައި ވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް އަދަބު ދިނުން ހުއްޓުވުމާއި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ކަމަށެވެ. އެގޮތުން އެ މަޖިލީހުގައި ރާއްޖެއާ ގުޅޭ ގަރާރާ ބެހޭ ގޮތުން ވާހަކަދެއްކެވި 11 މީހުންގެ ތެރެއިން ހަ މީހުން ވާހަކެވީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ނެތް މައްސަލައަށް ކަމަށާއި މިއަދު ބާއްވާ ބޮޑު މުޒާހަރާއަށް ނިކުންނާނީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރައްވާ މީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސައްތައިން ސައްތަ މުސްލިމް ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއްގައި، އިސްލާމްދީން ނޫން އެހެން ދިންތަކަށް ފުރުސަތު ދިނުމުގެ މަަސައްކަތުގައި ރައްޔިތުން ބައިވެރި ނުވުމަށް އަޅުގަނޑުމެން މި ދަނީ ގޮވާލަމުން، މިހާރު ބާއްވާ އެއްވުންތަކުގައި ބައިވެރިވާން އެ ނިކުންނަ މީހުންނަކީ ކަނޑައެޅިގެން އިސްލާމް ދީނާ ދެކޮޅަށް ނިކުންނަ މީހުން، ރާއްޖޭގެ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންވެސް އެ މީހުންގެ ސަފުގައި ފެންނާތީ ހިތާމަ ކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ އީޔޫގެ ގަރާރުގައިވާ އެ ނުކުތާތަކަށް އަމާޒުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުން ކުރިން ވެސް ބުނަމުން ދިޔަ ގޮތަށް އިދިކޮޅު ފަރާތްތަކުން މިވޭތުވެދިޔަ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތުގެ މަންޒަރު މިއަދު ސަފުވެފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމަކީ ދިވެހިންގެ "ހަށިގަނޑުގައި ލޭ ހިނގާހާ ދުވަހަކު" ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރުމަށް އެއްވެސް ފުރުސަތެއް ވެސް ނުދެއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އީޔޫގެ ގަރާރުގައި މަރުގެ އަދަބާއި ގުޅޭ ވާހަކަތަކަށާއި ދިނާ ގުޅޭ ވާހަކަތަކަށް ސަރުކާރުން ވެސް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ރާއްޖޭގެ ގާނޫނު އަސާސީ އާއި އިޖުތިމާއީ މިންގަނޑުތައް ހުރި ގޮތުން އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ދިނުމަކީ ކުރެވެން ނެތް ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.