"ގައުމީ ފުލުހުން" ކަމަށް ބުނެ ސަރުކާރަށް އިންޒާރުދޭ ވީޑިއޯތަކެއް ނުކުމެފައި ވަނިކޮށް އެކަންކަމުގެ ތުހުމަތު ޕީޕީއެމުން އިދިކޮޅަށް ނިސްބަތްވާ ދެ ބޭފުޅަކާއި ކުރީގެ ސިފައިންގެ އިސް ވެރިއެއްގެ ބޮލުގައި އެކަން އަޅުވައިފި އެވެ. ޕީޕީއެމުން ތިން ނަމެއް ބުނެ ތުހުމަތު ކުރި އިރު ފުލުހުން ގެންދަނީ އެ މައްސަލަ ބަލައި ތަހުގީގެއް ކުރަމުންނެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ "ގައުމީ ފުލުހުން" ކަމަށް ބުނެ ޑްރާމާއެއް ކުޅެމުން އަންނަ ކަމަށާއި އެކަން ކުރުމުގެ ފަހަތުގައި އުޅުއްވަނީ ރާއްޖެއިން ބޭރުގައި މިވަގުތު ދިރިއުޅުއްވާ އަކުރަމް ކަމާލުއްދީނު ކަމަށެވެ.
އަދި އެ ވީޑިއޯތައް އެޑިޓްކޮށް ޑައިރެކްޓް ކުރައްވަނީ ސިފައިންގެ ކުރީގެ އިންޓެލިޖަންސްގެ ވެރިޔާ ބްރިގޭޑިއާ އަހުމަދު ނިލާމް ކަމަށެވެ. އެކަމަށް ހަރަދު ކުރައްވަނީ އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ މުހައްމަދު އަސްލަމް ކަމަށް ވެސް ވިދާޅުވި އެވެ. އެ ނަންތައް ވިދާޅުވުމަށްފަހު އެކަމުގެ ހަގީގަތް އެނގި ވަޑައިގަންނަވާ މޭރުމަކުން ނިހާން ވިދާޅުވީ "އެއީ ވަރަށް ވާހަކަ" ކަމަށެވެ.
"މި ބޭފުޅުންނަށް ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެ ބަދުނާމު ކުރުމަށް މަސައްކަތް ކުރެއްވިއްޖެ،" ނިހާން ވިދާޅުވި އެވެ.
ސަރުކާރަށް އިންޒާރުދޭ ވީޑިއޯއެއް ފުރަތަމަ އާންމުވީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ. އެ ވީޑިއޯގައި އެސްއޯ ފުލުހުންގެ ޔުނިފޯމުގައި މޫނު ފޮރުވައިގެން ތިބި ތިން މީހަކު ވާހަކަދައްކަ އެވެ. އެ މީހުން ވަނީ ނިހާނަށާއި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިންޒާރުދީ ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށް ބުނެފަ އެވެ.
އަދި ރޭވެސް ވަނީ އެފަދަ ވީޑިއޯއެއް އާންމުވެފަ އެވެ. ދެވަނަ ވީޑިއޯގައި ތިބެނީ ވެސް ތިން މީހެކެވެ. އެކަމަކު ފުލުހުންގެ އާންމު ޔުނިފޯމުގަ އެވެ. އޭގައި މިއަދު ބައެއް ފުލުހުން ނުކުންނާނެ ކަމަށް އޭގައި ތިބި މީހުން ބުނެފައި ވެއެވެ.
ޕީޕީއެމްގެ ފަރާތުން ނިހާން އެ ތިން ބޭފުޅުންނަށް ތުހުމަތަކެއް ކުރެއްވި ނަމަވެސް އެއިން ބޭފުޅަކު މިކަމާ ގުޅިގެން އަދި އެއް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އަވަސްގެ ނޫސްވެރިންނަށް ވެސް އެއިން ބޭފުޅަކާ ގުޅޭ ގޮތެއް ނުވި އެވެ.
އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ ކަންކަމާ ގުޅިގެން ބައެއް ފުލުހުންނާއި ސިފައިން ހައްޔަރުކޮށްފައި ވެއެވެ.