ހަބަރު

ވަކީލް ނާޒިމް އަބްދުލް ސައްތާރު ހައްޔަރުކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ ބައެއްގެ ވަކީލުކަން ކުރައްވާ ނާޒިމް އަބްދުލް ސައްތާރު މިރޭ ހައްޔަރުކޮށްފި އެވެ. ނާޒިމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅެވެ.

ނާޒިމް މިރޭ ހައްޔަރުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ.

އޭނާ ހައްޔަރުކޮށްފައިމިވަނީ ވަކީލުންގެ ބައްދަލުވުން ވަގަށް އަޑު އަހަން ފުލުހުން ރިކޯޑަރެއް ގޮނޑި ދަށުގައި ހަރުކުރި މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ އިތުރުން ވެސް ދޫނިދޫ ޖަލުގެ ހާލަތު ބަޔާންކޮށް ވެސް ނާޒިމް ވަރަށް ގިނަ ޓްވީޓްތައް ކުރައްވަ އެވެ.

މިފަހުން ނާޒިމް ވަނީ ދޫނިދޫގައި ފުލުހުން ގެންގުޅުނު ދޫންޏެއްގެ ވާހަކަ ވެސް ޓްވިޓާގައި ދައްކަވާފަ އެވެ.