ހަބަރު

ބޭރު މަގުގައި ހުރި ގިނަ ގާޑިޔާތައް ކާނިވަލަށް!

ތާރު އެޅުމުގެ މަސައްކަތަށް މަގު ހުސްކުރަން، ބޮޑުތަކުރުފާނު މަގުގައި ހުރި ގާޑިޔާތައް މާލޭގެ އެކި ސަރަހައްދުތަކަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. އެންމެ ގިނަ ގާޑިޔާތައް ބަދަލުކުރަނީ ކާނިވާ ސަރަހައްދަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ގާޑިޔާތަށް ބަދަލުކުރަން ނިންމާފައިވާ ގޮތުގެ ތާވަލެއް ހިމަނާފަ އެވެ. އެގޮތުން ބޭރު މަގުގައި މިހާރު ހުރި 37 ގާޑިޔާގެ ތެރެއިން 18 ގާޑިއާ ކާނިވަލަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. ބާކީ ހުރި ގާޑިޔާތަކުގެ ތެރެއިން އަށް ގާޑިޔާ މަސްވެރިންގެ މައިޒާނަށް، އަނެއް އަށް ގާޑިޔާ އާސަހަރާ ފުރަގަހަށް އަދި ތިން ގާޑިޔާ ރަސްފަންނު ކައިރީގައި ހުންނަ އެސްޓީއޯ ހެޑް އޮފީސް ފުރަގަހުގައި އޮންނަ ހަނި މަގަށް ބަދަލުކުރާނެ އެވެ.

މި ތަންތަނަށް ގާޑިޔާތައް ބަދަލުކުރަނީ ވަގުތީ ގޮތުންނެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ ތައްޔާރީތައް ހައުސިން މިނިސްޓްރީން ފަށާފައި ވަނީ މި ހަފުތާގަ އެވެ. އެގޮތުން ބްރިޖާ ވީ ސަރަހައްދުން ސަލްމާން މިސްކިތާ ހަމައަށް ބީޗު ސައިޑު ވަކި ކުރަން ރާނާފައި ހުރި އިންފާރު މިހާރު ވަނީ ނަގަން ފަށާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ގާޑިޔާތައް ބަދަލުކުރަން ފަށާނެ ކަމަށެވެ.