ދުނިޔެ

ތުރުކީގެ 20 މަސްވީ އެސްއޯއީ އުވާލަން އދ. އިން ގޮވާލައިފި

ތުރުކީގައި ހިންގަމުން އަންނަތާ 20 މަސް ދުވަސްވީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އދ. އިން އެ ގައުމުގެ ސަރުކާރަށް ގޮވާލައިފި އެވެ. ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 2016 ވަނަ އަހަރު އެގައުމުގެ ސިފައިންގެ ބަޔަކު ކުރި ބަޣާވާތެއް ނާކާމިޔާބުކޮށްލުމަށް ފަހުގަ އެވެ.

ތުރުކީގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މީހުން ވަޒީފާތަކުން ވަކިކޮށް ހައްޔަރު ކުރަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށް އދ. އިން ތުހުމަތުކުރެއެވެ. އަދި އެއީ އިޖުމާއީ ގޮތެއްގައި އަދަބު ދިނުން ފަދަ ކަމެއް ކަމަށް އދ. އިން ސިފަކުރެއެވެ.

ތުރުކީގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އދ. އިން ގޮވާލީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ތުރުކީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން ނެރުނު ރިޕޯޓެއްގައެވެ. ތުރުކީ ފޮރިން މިނިސްޓްރީން ބުނީ އދ. ގެ ރިޕޯޓުގައި ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެ ރިޕޯޓަކީ ހަނގުރާމަވެރި ޖަމާއަތްތަކުން ފަތުރާ ޕްރޮޕަގެންޑާއާ އެއްފަދަ އެއްޗެއްގެ ގޮތުގައި ތުރުކީ ފޮރިން މިނިސްޓްރީން ސިފަކުރެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ތުރުކީގައި ނާކާމިޔާބުކޮށްލި ބަޣާވާތަށް ފަހު ޖުމްލަ 160000 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމަ އެއަދަދަށް ސިވިލް ސާވަންޓުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ތުރުކީގެ ރައްޔިތުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށާއި އިދިކޮޅު ކޮންމެ މީހަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެކަމުގެ ބިރު ފެތުރިފައިވާ ކަމަށެވެ.

"ތުރުކީން ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލައި މުއްސަސާތަކުގެ އާއްމު މަސައްކަތާއި ގާނޫނީ ހުކޫމާތު އިއާދަކުރަން ޖެހެއެވެ،" އދ.ގެ ރިޕޯޓުގައި ބުނެފައި ވެެއެވެ. - ރޮއިޓާސް