ދުނިޔެ

ޝީގެ އިންޒާރަށްފަހު ޗައިނާ މަނަވަރު ޓައިވާނު ކަނޑުއޮޅިއަށް

ޗައިނާއިން އެއްވެސް ބައެއް ވަކިކޮށްލަން މަަސައްކަތް ނުކުރުމަށް އެ ގައުމުގެ ރައީސް ޝީޖިންޕިން ކުރެއްވި އިންޒާރަށް ފަހު އެ ގައުމުގެ މަތިންްދާބޯޓު އުފުލާ މަނަވަރު "ލިއައޯނިންގް" ޓައިވާނު ކަނޑުއޮޅިއަށް ވަދެއްޖެ އެވެ.

ލިއައޯނިންއަކީ ޗައިނާގައި އޮތް މަތިންދާބޯޓް އުފުލާ ހަމަ އެކަނި މަނަވަރެެވެ.

ޓައިވާނުގެ ސެންޓްރަލް ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް ބުނީ ލިއައޯނިން ޓައިވާނު ކަނޑުއޮޅިއަށް ވަދެ އުޅޭކަން ހާމަ ކުރެއްވީ ޓައިވާނުގެ ޑިފެންސް މިނިސްޓަރު ޔެން ޓެހް ފާ އެގައުމުގެ ޕާލަމެންޓުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. އޭނާ ވިދާޅުވީ މަނަވަރުގެ ހަރަކާތްތައް ޓައިވާނު ސިފައިން ކައިރިން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް ޗައިނާ ސަރުކާރު އެކަމުގައި ވަކި އެއްޗެއް އަދި ނުބުނެއެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އޮތަސް އެތަނުގައި އޮންނަނީ ވަކި ވެރިކަމެކެވެ. އެތަން މިނިވަން ވަކި ގައުމަކަށް ހަދަން މިހާރު އޮތް ވެރިކަމުން މަސައްކަތް ކުރާ ކަމަށް ޗައިނާއިން ދަނީ ތުހުމަތު ކުރަމުންނެވެ. އެ ތުހުމަތުތައް ބޮޑަށް ކުރަން ފެށީ ޓައިވާނުގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ސާއީ އިން ވެން ކާމިޔާބުކުރެއްވި ހިސާބުންނެވެ. އޭނާއަކީ ޓައިވާނު މިނިވަން ގައުމަކަށް ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެެކެވެ. ނަމަވެސް އެކަމަށް މަސައްކަތް ނުކުރައްވާނެ ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފައެވެ.

ޗައިނާ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޝީޖިންޕިން އަންގާރަ ދުވަހު ވިދާޅުވީ ޗައިނާއިން ބައެއް ވަކިކުރަން ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުވާނެ ކަމަށާއި އެފަދަ ކޮންމެ ކަމަކަށް ރައްޔިތުން ދެކޮޅުހަދާނެ ކަމަށެވެ. އަދި ވިދާވީ އެފަދަ މަސައްކަތެއް ކުރާ ބަޔަކަށް ތާރީހު އަދަބު ދޭނެ ކަމަށެވެ.