އުތުރު ކޮރެއާ

މަޝްވަރާއަށް ދާން ނިންމީ ފިޔަވަޅުތަކާ ހެދިއެއް ނޫން: އުތުރުކޮރެއާ

ދެކުނުކޮރެއާއާއި އެމެރިކާއާއެކު ވާހަކަތައް ބާއްވަން ނިންމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނޫން ކަމަަށް އުތުރުކޮރެއާއިން ބުނެފި އެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އެއްބަސްވެވަޑައިގެންނެވިތާ އެތައް ދުވަހެއް ވީ އިރު އެއްޗެއް ނުބުނެ އޮތުމަށް ފަހު އުތުރުކޮރެއާ ސަރުކާރުން ބުނީ ވާހަކަ ދައްކަން ނިންމީ އަމިއްލަ ނަފުސަށް އޮތް އިތުބާރުގެ ސަބަބުން ކަމަށެވެ. އުތުރުކޮރެއާއިން މިމޭރުމުން ވާހަކަ ދެއްކީ އެގައުމުގެ ސަރުކާރުގެ ނޫސް އެޖެންސީ ކޭސީއެންއޭގައި ޖެހި އެޑިޓޯރިއަލެއްގައެވެ.

"ޑީޕީއާރްކޭ [ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެެއާ]ގެ މަޝްވަރާއާއި ސުލްހައިގެ ހަރަކާތަކީ އެދޭ ކަންތައްތައް ހާސިލުވެފައިވާތީ އޮތް އަމިއްލަ ނަފުސަށް އޮތް އިތުބާރު ފާޅުކުުރުމެކެވެ،" ކޭސީއެންއޭގެ ލިއުމުގައި ވެއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާއާ އެކު ބާއްވާ މަޝްވަރާތަކަަށް ސީދާގޮތެއްގައި އިޝާރާތް ނުކޮށް ލިޔެފައިވާ އެ ލިއުމުގަައި ބުނެފައި ވަނީ " ސުލްހައަށް ލޯބިކުރާ ހުށަހެޅުމުގެ" ސަބަބުން އެމެރިކާއާއި އެގައުމާ ދެމެދު އޮންނަ ގުޅުމަށް ބަދަލު އައުމުގެ ނިޝާންތައް ފެންނަ ކަމަށެވެ.

މަޝްވަރާތަކަށް އެއްބަސްވީ ދަތިކުރުމުގެ ފިޔަަވަޅުތަކުގެ ސަބަބުން ފިއްތުންތައް ބޮޑުވެގެން ކަމަށް ދައްކާ ވާހަކައަކައަކީ ހަނި ވިސްނުމަކުން ދައްކާ ބޭކާރު ވާހަކަތަކެއް ކަަމަަށް ވެސް ލިއުުމުގައި ބުނެފައި ވެއެވެ. އަދި ބުނެފައި ވަނީ އެއީ މިހާރު އޮތް ރަނގަޅު މާހައުލު ގޯސްކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ.

އުތުރުކޮރެއާއާއި އެމެރިކާއާއި ދެމެދު ދެކުނު ކޮރެއާ މެދުވެރިވެގެން މަޝްވަރާތައް ބާއްވާ ވާހަކަ ފެންމަތިވީ މިހިނގާ މާޗުމަހުގެ ކުރީކޮޅުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލުކުރައްވަން އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެދިވަޑައިގަންނަވާކަން އެގައުމުން އެންގީ ދެކުނު ކޮރެއާގެ އޮފިޝަލުން މެދުވެރިކޮށެވެ. އެގޮތުން ދިން ދައުވަތު ޓްރަމްޕް ވަނީ ގަބޫލުކުރައްވާފައެވެ. ނަމަވެސް ދެބޭފުޅުން ބައްދަލުކުރައްވާނެ ތަނަކާއި ތާރީހެއްގެ ތަފުސީލެއް ދެފަރާތުން ވެސް އަދި ހާމައެއް ނުކުރެއެވެ.