ވިޔަފާރި

ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރެއް ނުވޭ!

Mar 21, 2018
3
  • އެވްރެޖު ސްޓޭ 6.4 ޕަސެންޓުގައި
  • މިދިޔަ މަހު އެވްރެޖު ސްޓޭ އެއް ޕަސެންޓް ދަށްވި
  • ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރު ކުރަން ޖެހޭ

ކުއްލި ނުރައްކަލުގެ ހާލަތު އޮތަސް މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުން އަދަދު އިތުރުވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ވަނީ ބުނެފަ އެވެ. ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ. ޓޫރިސްޓުންގެ އަދަދު އިތުރުވި ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރެއް ނުވެ އެވެ. މިދިޔަ އަހަރާއި މި އަހަރު ވެސް ހުރީ އެއްވަރެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ރާއްޖޭގައި ޓޫރިސްޓުންގެ އެވްރެޖު ގޮތެއްގައި ހޭދަކޮށްފައިވަނީ 6.4 ދުވަހެވެ. މިއީ މިދިޔަ އަހަރު ވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު ނުވަތަ "އެވްރެޖު ސްޓޭ" ހުރި ވަރެވެ.

ޓޫރިޒަމްގެ ޕީކް ސީޒަން ފެށެނީ ޑިސެމްބަރު މަހު އެވެ. އަދި ޓޫރިޒަމްގެ މައި ސީޒަން މާޗް މަހާ ހަމަ އަށް ދެމިގެންދާއިރު ފެބްރުއަރީ އެވްރެޖު ސްޓޭ ވަނީ ނިސްބަތު ދަށްވެފަ އެވެ. ފެބްރުއަރީ މަހު އެވްރެޖު ސްޓޭ ހުރީ 6.3 ޕަސެންޓުގަ އެވެ.

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުރު ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކެއް ބުނެފައިވެ އެވެ. މީގެ ސަބަބެއް ކަމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ބުނަނީ ޓޫރިސްޓުންގެ މެދުގައި ރާއްޖެއާ މެދު ޝައުގުވެރިކަން ދަށްކަމެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއްގެ ވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ ރާއްޖޭގެއަށް ޝައުގުވެރި ކުރުވުން މިހާރަށްވުރެ އިތުރު ކުރަން ޖެހޭ ކަމަށެވެ.

"ރާއްޖެ އަށް ޝައުގުވެރި ކުރުމުން އިތުރު ކޮށްގެން އެވްރެޖު ސްޓޭ މަތި ކުރެވޭނީ. އެކަން ކުރެވެން އޮތީ ބީޗާއި ޑައިވިންގެ އިތުރުން އިތުރު އިވެންޓްތައް ވެސް ރާއްޖޭގައި ބާއްވައިގެން،" އޭނާ ބުންޏެވެ.

ރާއްޖެއަށް ޝައުގުވެރި ކުރުމުން އިތުރު ކޮށްގެން އެވްރެޖު ސްޓޭ މަތި ކުރެވޭނީ. އެކަން ކުރެވޭނީ އިތުރު އިވެންޓްތައް ބާއްވައިގެން
ްޓްރެވަލް ކުންފުންޏެއްގެ ވެރިއެއް

ކުރިން ވާހަކަ ދެއްކެވި ޓްރެވަލް ކުންފުނީގެ ވެރިޔާ ވިދާޅުވީ ރާއްޖެއަކީ ވަށައިގެން މޫދު އޮންނަ ގައުމެއް ކަމަށްވާތީ ޝައުގުވެރި ގިނަ ހަރަކާތްތަކެއް ބޭއްވިދާނެ ކަމަށެވެ.

"ރާއްޖޭގައި ސީ ސްޕޯޓްސް ފެސްޓިވަލް ވެސް ބޭއްވޭނެ. ރާއްޖޭގައި މިހާރުވެސް އެބަ ބާއްވާ ވޭސް ޝާކް ފެސްޓިވަލްއެއް.އެކަމަކު ވަރަށް ވަނދުކޮށް އެދަނީ. އެ އެބަޖެހޭ ވޯލްޑް ކްލާސް ބޮޑު ފެސްޓިވަލް އަކަށް ހަދަން. މިފަދަ ގިނަ ކަންތައްތަކެއް ކޮށްގެން ޝައުގުވެރި ކުރުވޭނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިސްޓުންގެ އެވްރެޖު ސްޓޭ އިތުރު ނުވިނަމަވެސް ރާއްޖޭގައި ޓޫރިޒަމް ޕްރޮޕަޓީތައް ހަލިވިކަމާއެކު ދަނީ އިތުރުވަމުންނެވެ. މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު 40،823 އެނދު އެބަހުއްޓެވެ. އަދި މި އަހަރު ވެސް ގިނަ ރިސޯޓުތަކެއް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ވަނީ މި އަހަރު 100 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ޓޫރިޒަމް އިޝްތިހާރު ކުރާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭ ގޮތަށް 50 ފެއާއެއްގައި މި އަހަރު ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.