ހަބަރު

އިބޫގެ ބަންދުގެ މައްސަލަވެސް އިސްތިއުނާފުކޮށްފި

Mar 21, 2018

އިދިކޮޅުގައި މިވަގުތު ހުންނެވި އެންމެ އިސް ލީޑަރު، އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ނުވަ ދުވަހަށް ބަންދުގައި ބަހައްޓަން މުއްދަތު ޖެހި މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި އެވެ.

އިބޫގެ ބަންދުގެ މުއްދަތު މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިއަދު އެވެ. އިބޫގެ ބަންދަށް ކޯޓުން ނުވަ ދުވަސް ޖަހާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރާ ދެކޮޅަށް ކުރި އިހްތިޖާޖުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ޖުމްހޫރީ މައިދާން ސަރަހައްދުންނެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.

އިބޫގެ ބަންދު އިސްތިއުނާފް ކޮށްފައިވާއިރު މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ ބަންދުގެ މައްސަލަވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

އިދިކޮޅުގެ އެންމެ އިސްކޮށް އުޅުއްވާ އިބޫ ހައްޔަރުކޮށް ނުވަ ދުވަހަށް ބަންދުކޮށްފައިވާއިރު މަޖިލީހުގެ އިތުރު ފަސް މެންބަރަކަށް ވެސް އެ ތުހުމަތުކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި އަހުމަދު މަހުލޫފާއި އަބްދުﷲ ރިޔާޒެވެ. އޭގެ އިތުރުން މެންބަރު އަލީ އާޒިމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް ކުރާ ތުހުމަތެއް އަދި ސާފެއް ނުވެ އެވެ.

އެގޮތުން އިލްހާމް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަންގާފަ އެވެ. އަދި މެންބަރު އަލީ އާޒިމް ބަންދަށް ވެސް ވަނީ ނުވަ ދުވަސް ޖަހާފަ އެވެ. މީގެ އިތުރުން އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރެ އެވެ.

މިއަދު މުއްދަތު ޖެހުމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދުވެސް މިއަދު ކޯޓަށް ހާޒިރުކުރެ އެވެ.

ހަތް ބޭފުޅުން ކޯޓަށް ހާޒިރު ކުރާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. މަޖިލީހުގެ ހަތަރު މެންބަރުން ކަމަށްވާ އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދު އަދި އަހުމަދު ފާރިސް މައުމޫންގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފަ އެވެ. ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި އަހްމަދު އަރީފަށް ވެސް ވަނީ ޓެރަރިޒަމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މީގެ އިތުރުން ހަސަން ސައީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާއިރު އިބްރާހިމް ސިޔާދުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތުދިން ކަމުގެ ދައުވާ އެވެ.