ހަބަރު

ޝިފާޒްއާއެކު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ދޫކޮށްލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ އިތުރު ހަ ބޭފުޅަކު ދޫކޮށްލައިފި އެވެ.

ޝިފާޒް ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގައި އެމްޑީޕީގެ ހަރުގެ ތެރޭގައި ހުންނަވަނިކޮށެވެ. އޭނާއަށް ވަނީ ސަރުކާރު ވައްޓާލަން އުޅުންކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އޭގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓުންތަކެއް ވެސް މާލޭގެ އެކި ހިސާބުތަކުން ހައްޔަރުކޮށްފަ އެވެ.

އެގޮތުން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު ކަމުގައި ހުންނެވި ލެކިއުޓް ހިންގާ ކުންފުނީގެ އެއް ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ވެސް ރެސްޓޫރަންޓެއްގެ ތެރެއިން ހައްޔަރު ކުރި އެވެ. އަދި އެމްޑީޕީގެ އޮފީހުގެ ތެރޭގައި ތިއްބާ ބައެއް އެހެން ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ނަމަވެސް ފުލުހުން މިއަދު ވަނީ ޝިފާޒް އާއި މާޖިދު އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ވަހީދު (ވައްޑެ) އާއި ހަސަން މުހައްމަދާއި ރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިމީހާ އަހުމަދު ޝާހިދު (ސާބެ) ވަނީ ދޫކޮށްލާފަ އެވެ. އޭގެއިތުރުން އެމްޑީޕީގެ އިސް އެކްސްޓިވިސްޓެއް ކަމަށްވާ އިލްހާމް ވެސް މިއަދު ދޫކޮށްލި އެވެ.

ބޭފުޅުން މިހާރު ވަނީ ދޫނިދޫއިން މާލެ ވަޑައިގެންފަ އެވެ.