ހަބަރު

މުއްދަތަށް ގެނެސް ޝަރީއަތް ހިންގުން ސައްހަ ނުވާނެ: ހިސާން

މުއްދަތު މަޖިލީހަށް ކަމަށް ބުނެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ޝަރީއަތްތުގެ އިޖުރާއުތައް ހިންގުމަކީ ސައްހަވާނެ ކަމެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ. ހިސާން މިހެން ވިދާޅުވީ ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް އުއްތަމަ ފަނޑިޔާރުގެ ވަކީލްގެ ހައިސުއްޔަތުން މިއަދު ހިސާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މުއްދަތު މަޖިލިސް އޮންނާނެ ކަމަށް ބުނެ ފުލުހުން އެކި ދުވަހު އެކި ގަޑިތައް މެެސެޖްކުރަމުންދާ ކަމަށެވެ. އަދި ގަޑި ޖެހުމުން އަނެއްކާވެސް ގަޑިތައް ބަދަލުކޮށް އެކަން އަންގަމުންދާތީ އެތައް ވަގުތެއް ބޭކާރުވަމުންދާ ކަމަށެވެ.

ބަންދުގެ މަޖިލިސް އޮންނާނެ ގަޑިތައް އެކި ފަހަރު މަތިން ބަދަލުކޮށް އެކަން ފުލުހުން އަންގާއިރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވާކަން އަންގާފަ ކަމަށާއި އެހެންކަމަށްވާއިރު ތަހުގީގު މަރުހަލާ ނިމި ފުލުހުންގެ ދައުރު ނިމިފައިވާ ކަމަށް ހިސާންގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

"މީހެއްގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމަކަށް އައިސް ފުލުހުންގެ ދައުރު ވެސް އެ ހިސާބުން ނިމިގެން ދާނެ، މިކަން ޖިނާއީ އިޖުރާއަތުގެ ގާނޫނާއި 2010 ވަނަ އަހަރުގެ ސުޕްރީމް ކޯޓުގެ 19 ވަނަ ގަޒިއްޔާއިން ބަލައި ނިންމާފައިވާ މައްސަލައިން ސާފުކޮށް އެނގޭ،" ހިސާން ވިދާޅުވި އެވެ.

އެހެންކަމުން މުއްދަތު މަޖިލީހަށް ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތުގެ އެއްވެސް އިޖުރާއަތެއް ހިންގައި ތަންފީޒުކުރުމަކީ ގާނޫނީ ގޮތުން ސައްހަވާނެ ކަމެއް ނޫން ކަމަށެވެ. ގާނޫނުގައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް ކުރިއަށް ގެންދަން ހިސާން އެދިވަޑައިގަތެވެ.

ބަންދުގެ މުއްދަތަށް ކަމަށް ބުނެ އިއްޔެ ފަނޑިޔާރު އަލީ ހަމީދާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކޯޓަށް ހާޒިރުކުރުމަށްފަހު އެ ބޭފުޅުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ބޭފުޅުންގެ ވަކީލުން ވިދާޅުވާ ގޮތުގައި އިއްޔެ މަޖިލިސް ކުރިއަށް ގެންދިޔައީ ޝަރީއަތުގެ އަޑުއެހުމެއްގެ ގޮތަށެވެ.

މިއަދު ވެސް ބަންދުގެ މުއްދަތަަށް ކަމަށް އުއްތަމަ ފަނޑިޔާރު ކޯޓަށް ހާޒިރުކުރާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ބަންދުގެ މަޖިލީހަށް ކަމަށް ބުނެ ކޯޓަށް ހާޒިރުކޮށްފަ އެވެ. އާންމުކޮށް ޝަރީއަތުގެ އަޑުއެހުމެއް ބާއްވަނަ އެކަން ކުރިމިނަލް ކޯޓު ތާވަލުގައި ހިމަނަ އެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ބޭފުޅެއްގެ ޝަރީއަތް އޮންނާނެ ކަމަކަށް ތާވަލުގައި ނެތެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓަރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އިތުރުން ވެސް ތިން ދައުވާއެއް އުއްތަމަ ފަނޑިޔާރަށް ކުރެ އެވެ. އެގޮތުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އެ ދައުވާ ކުރަނީ ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.

ރިޝްވަތު ހިފުމުގެ ދައުވާ ވެސް އުފުލާފައިވާއިރު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.