ހަބަރު

ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު ވެސް ބަންދުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރީ މިއަދު ބަންދުގެ މަޖިލީހަށް ހާޒިރުކުރުމުން އެގޮތަށް ދައުލަތުގެ ފަރާތުން އެދުމުންނެވެ.

ޝަރީއަތް ނިމެންދެން އުއްތަމަ ފަނޑިޔާރު ބަންދުކުރި އެމަނިކުފާނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ވަނީ ފަށާފަ އެވެ. އެ ދައުވާކުރަނީ ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުނެ އެވެ.

އޭގެއިތުރުން ވަކި ގޮތަކަށް ހުކުމް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ޓަރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ ވަނީ އުއްތަމަ ފަނޑިޔާރަށް އުފުލާފަ އެވެ. ދެން އުފުލާފައިވަނީ އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރެ އެވެ. އެ ދައުވާ ކުރަނީ ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ. މި ދައުވާތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. މާދަމާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު މީގެކުރިން ވަނީ އިތުރުކޮށްފަ އެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ އެކި ދައުވާތައް ވަނީ އުފުލާފަ އެވެ.