ހަބަރު

ކުއްލިއަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް: އިދިކޮޅު

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މައްޗަށް ކުއްލިއަކަށް ޓެރަރިޒަމްގެ ދައުވާ ކުރުމުން އެއީ ސިޔާސީ ދައުވާތަކެއްކަން ހާމަވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުުން ހައްޔަރުކޮށްފައިވާ ބޭފުޅުންނާ ދެކޮޅަށް ހިންގަނީ ޣައިރު ގާނޫނީ ޝަރީއަތްތަކެއް ކަމަށެވެ.

"ހައްޔަރުކުރެވުނު އެއްވެސް ބޭފުޅަކީ ޓެރަރިޒަމްގެ ތުހުމަތަށް ހައްޔަރު ކުރެވުނު ބޭފުޅުންނެއް ނޫން އިނގޭތޯ. ހަމަ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސް ޔާމީނުގެ ބޮލަށް ތުރާވެގެން ނޫނީ އުނދަގޫވެގެން ނުވަތަ ރައީސް ޔާމީނު އުއްތަމަ ފަނޑިޔާރާ އިތުރު ފަނޑިޔާރަކާ ރައީސް މައުމޫނު ހައްޔަރުކުރަން ވެގެން ހަގީގަތުގައި ގެނައި ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އެހެންވީމާ އެއްވެސް އިރެއްގައި ދައްކާފައެއް ނެތް ޓެރަރިޒަމްގެ ވާހަކައެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެރަރިޒަމްގެ މާނަ ވެސް ސަރުކާރުން މިހާރު އުޅެނީ އޮޅުވާލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ޓެރަރިޒަމް އަކީ ބޮޑު ޖޯކަކަށް މިހާރު ހަދާފައިވާ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ އެ ދައުވާ ތަކަކީ އެބޭފުޅުން ފްރޭމް ކުރަން ކުރާ ދައުވާތަކެއް ކަމަށާއި މި ސަރުކާރަކީ ފްރޭމްކުރުމުގެ ތާރީހެއް އޮތް ސަރުކާރެއް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑްކޮށްފައި އޮއްވައި މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމަކީ ވެސް ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަަމަށެވެ. އޭނާ ވިދާޅުވީ ކުއްލިނުރައްކަލުގެ ހާލަތު ރައީސް އިއުލާނުކުރައްވައި މަޖިލީހުން އެކަމަށް ރުހުން ދީފައި އޮއްވައި އެ ހާލަތުގެ ދަށުން ސަސްޕެންޑްކޮށްފަައިވާ ގާނޫނެއް ހިންގުމުގެ އިހުތިޔާރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނޯންނާނެ ކަމަށެވެ.

މިހާރު ހިންގަމުން ގެންދާ ޣައިރު ގާނޫނީ ކަންތައްތަކަށް ފިޔަވަޅު އެޅޭނެ ދުވަހެއް ވެސް އަންނާނެ ކަމަށާއި މި ކަންކަމާ ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ގިނަ ބޭފުޅުންނަށް ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ވަނީ އެ ދައުވާކޮށްފަ އެވެ.